ދުނިޔެ

ޕޮލިހުން ވަކިވެ ގޭންގެއް އުފެއްދި މީހެއްގެ ގޭގައި ވަޅުލައިފައިވާ 14 ހަށިގަނޑެއް ހޯދައިފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ސެންޓްރަލް އެމެރިކާގެ ގައުމެއް ކަމަށްވާ އެލްސަލްވެޑޯގެ ޕޮލިހުންގެ ވަޒީފާގައި އުޅުނު މީހެއްގެ ގެއިން ވަޅުލައިފައިވާ 14 މީހެއްގެ ހަށިގަނޑު ހޯދައިފިއެވެ.

Ads by WAMCO

ބޭރުގެ މީޑިއާތައް ބުނާ ގޮތުގައި ފުލުހުންގެ ތެރޭގައި ކުރީން އުޅުނު ހޫގޯ އާނެސްޓޯ އޮސޯރިއާ ކިޔާ މީހަކު ވަނީ އެލްސަލްވަޑޯގެ ޗަލްޗުއާޕާ ޓައުންގައި ގޭންގެއް އުފައްދައި އެ ޓައުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓައިލައިފައެވެ. އަދި މީހުން މެރުމާއި ލޫޓްވުން ފަދަ އަމަލުތަކުން އެ ޓައުންގެ ރައްޔިތުން ހާސްކޮށްލައިފައެވެ.

އެ ގައުމުގެ ފުލުހުން ހޫގޯ ހައްޔަރުކުރީ މިމަހުގެ އަށްވަނަ ދުވަހުއެވެ. އެގައުމުގެ ކޯޓަކުން ވަނީ ހޫގޯއާއި ގުޅުންހުރި 11 މީހަކު ހައްޔަރު ކުރުމަށް އަމުރު ނެރެފައެވެ.

ހޫގޯގެ ގެއިން ފެނުނު ހަށިތަކުގެ ތެރޭގައި އަންހެނަކާއި އޭނާގެ އަންހެން ދަރިއެއްގެ ހަށިގަނޑު ހިމެނެއެވެ. އެލްސަލްވެޑޯގެ ފުލުހުން ދަނީ އެ ހަށިތަކުގެ ޑީއެންއޭއާއި ، ގެއްލިފައިވާ މީހުންގެ އާއިލާތަކުގެ ޑީއެންއޭ ނަގައި ހަށިތަކަކީ ކޮންބައެއްގެ ހަށިތަކެއްކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

ފުލުހުން ދަނީ ހޫގޯގެ ގޭގެ އެކި ދިމާތައް ކޮނުމުގެ މަސައްކަތް ކުރަމުންނެވެ.

6.5 މިލިއަން އާބާދީއެއް އޮންނަ އެލްސަލްވެޑޯއަކީ މީހުން މެރުން ފަދަ ކުށް ގިނަ ގައުމެކެވެ. މިދިޔަ އަހަރު އެކަނި ވެސް އެ ގައުމުގައި 1322 މީހުން މަރައިލައިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!