ކޮލަމް ދީން

ނިރު ކޮލަމް: އަޅުވެރިއެއްގެ ހަޔާތުން ދުވަހެއް

މުޙައްމަދު ބުޝްރީ ނިރު ، ދެން އޮންލައިން

(ތިން ބައިގެ ތެރެއިން ފުރަތަމަ ބައި: މައްރިބު ނަމާދުން ފެށިގެން ނިދުމާހަމައަށް)

Ads by MWSC

މުސްލިމުންގެ ދުވަސް ފެށެނީ އިރު އޮއްސޭ ހިސާބުން:

އިސްލާމީ ހިޖްރީ ކަލަންޑަރުގައި ދުވަސް ފެށެނީ އިރުއަރާ ހިސާބަކުން ނޫނެވެ. އަދި މެންދަމު 12 ޖަހާ އިރަކު ވެސް ނޫނެވެ. އިސްލާމީ ކަލަންޑަރުގައި ދުވަސް ފެށެނީ އިރުއޮއްސޭ ހިސާބުންނެވެ. މައްރިބް ނަމާދުގަޑި ޖެހުމާ އެކުގައެވެ. މިއީ ބައެއް މީހުންނަށް އަދިވެސް ނޭނގޭ ކަމެކެވެ. މުސްލިމުންނަށް ހަޤީގަތުގައި ދުވަސް ފެށެނީ މައްރިބް ގަޑިޖެހުމާ އެކުގައެވެ. ދުވަހަކީ ހުކުރު ދުވަހުގެ އެންމެ ފަހު ވަގުތުކޮޅެވެ. މައްރިބް ނަމާދަށް އެއްގަޑި އިރަށް ވެއްޖެއެވެ. މިއީ، ބުނެވޭ ގޮތުގައި، ދުއާ އިޖާބަ ކުރެއްވޭ، ވަރަށް މާތް ވަގުތުކޮޅެކެވެ.

ހުކުރުދުވަހުގައިވާ ދުއާ އިޖާބަ ކުރައްވާ ހާއްސަ ވަގުތުކޮޅު:

އަބޫ ހުރައިރާ ރިވާ ކުރެއްވި ކަމަށް ސަޙީހް މުސްލިމް އަދި ސަޙީހް ބުޙާރީގައި ބަޔާން ކުރައްވާފައި ވެއެވެ: އަބުލް ޤާސިމް (ރަސޫލުﷲ ()) ހަދީސް ކުރެއްވިއެވެ، ހުކުރު ދުވަހުގައި ސާއަތެއް (ގަޑިއެއްގެ އިރު) ވެއެވެ، މުސްލިމަކު އެވަގުތުގައި ދުއާކޮށް ﷲއަށް ރަނގަޅު ކަމަކަށް އެދި ދަންނަވައިފި ނަމަ ﷲ އެމީހަކަށް އެކަމެއް ފުއްދަވައި ދެއްވާނެއެވެ. މާނައަކީ ހުކުރު ދުވަހުގެ އެ ސާއަތުގައި ކުރެވޭ ދުއާ ﷲ އިޖާބަ ކުރައްވާނެއެވެ. ސުވާލަކީ އެ ސާއަތަކީ ހުކުރު ދުވަހުގެ ކޮން ވަގުތެއް ތޯއެވެ؟ އިލްމުވެރީންގެ މެދުގައި މިއީ ހުކުރު ދުވަހުގެ ކޮން ވަގުތެއްކަމާ މެދު ޚިލާފް ހުރިކަމުގައި ވިއަސް ގިނަ އިލްމު ވެރީން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި އެ ސާއަތަކީ އަސުރުނަމާދުގެ ފަހުން މައްރިބްގެ ކުރީގައި ވާ ސާއަތެކެވެ. މިއީ އިމާމް އަހްމަދުއާއި އަބޫ ހުރައިރާގެ ރައުޔެވެ.

ހަވީރު ފަހަކުން ފެށިގެން މައްރިބް ނަމާދުގަޑި ޖެހެންދެން ޒިކުރު ކުރުމާއި،ޤުރުއާން ކިޔެވުމާއި، ދުއާ ކުރުމުގައި ހޭދަކުރީމެވެ. ﷲ އަހުރެންގެ ދުއާ އިޖާބަ ކުރައްވާށިއެވެ!

ވުޟޫއާއި ވުޟޫ ދުއާގެ މާތްކަން:

އެއަށް ފަހު ވުޟޫކޮށް ވުޟޫ ދުއާ ކީމެވެ. ރަސޫލުﷲ () ހަދީސް ކުރެއްވި ކަމަށް އިމާމް މުސްލިމް ލިއުއްވާފައިވާ ހަދީސެއްގެ މާނައިގައި ވެއެވެ: ތިޔަބައި މީހުންގެ ތެރެއިން މީހަކު ވުޟޫ ފުރިހަމަ ގޮތުގައި ކޮށް (ސުންނަތުގައި ވާރިދު ވެފައިވާ ފަދައިން) ވުޟޫ ދުއާ ކިޔައިފިނަމަ ސުވަރުގޭގެ އަށް ދޮރުކޮޅު އެމީހަކަށް ޓަކައި ހުޅުވޭ ހުއްޓެވެ، އަދި އޭނާ ހިތްއެދޭ ދޮރުކޮޅަކުން އޭނާ ސުވަރުގެ ވަންނަ ހުއްޓެވެ.

މިސްކިތަށް ހިނގާފައި ދިއުމުގެ މާތްކަން:

ވުޟޫއާއި ވުޟޫ ދުއާއަށް ފަހު ﷲ ގެ އިސްމުފުޅު ކިޔައި ،މިސްކިތަށް ދާން،ގެއިން ނިކުތީމެވެ. ރަނގަޅު ކޮންމެ ކަމެއް ފެށުމުގައި ﷲ ގެ އިސްމުފުޅުން ފެށުމަކީ އެކަމެއްގައި ބަރަކާތް ލެއްވިގެން ދާނެ ކަމެކެވެ. މިސްކިތަށް ދާން ހިނގައިގަތީމެވެ. އިމާމް މުސްލިމްގެ ހަދީސެއްގެ މާނަައިގައި ވެއެވެ: ރަސޫލުﷲ () ހަދީސް ކުރެއްވިއެވެ: އެންމެ ގިނަ ހެޔޮކަން ލިބޭނެ ބަޔަކީ ނަމަދަށް ދިމުމުގައި އެންމެ ދުރަށް ހިނގާ މީހުންނެވެ. އެހެން ކަމުން މިސްކިތަށް، ނަމާދަށް ދާން އެންމެ އެދެވިގެން ވަނީ ހިނގާފައެވެ. އެފިޔަވަޅުތަކުން ވެސް އަޖުރު (ސަވާބު) ލިބިގަތުމަށްޓަކައެވެ.

ވުޟޫއާއި ވުޟޫ ދުއާގެ މާތްކަން:

މިސްކިތަށް ދެވިއްޖެއެވެ. އެއާ އެކު މައްރިބް ނަމާދަށް އިމާމް މީހާ ބަންގި ގޮވުމުން އިމާމް މީހާއާ އެކު ބަންގީގެ ލަފްޒުތައް ކިޔަންފެށީމެވެ.ރަސޫލުﷲ () ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: އިމާމް މީހާ ބަންގި ގޮވާ އަޑު އިވިއްޖެ ނަމަ އޭނާ ކިޔާ އެއްޗެއް ކިޔާށެވެ. (ބުހާރީ / މުސްލިމް). މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ގިނަ މީހުން ނަގާ ކަމެކެވެ. ވަރަށް ކުޑަ ވަގުތު ކޮޅަކުން ވަރަށް ގިނަ ހެޔޮކަން ލިބޭނެ ކަމެކެވެ. މީހަކާ ވާހަކަ ދެއްކުމަށް ނުވަތަ އެއްވެސް ކަމެއް ނުކޮށް އިނުމުގައި އެވަގުތު ކޮޅު ހޭދަކޮށްލުމުގެ ބަދަލުގައި އިމާމް މީހާއާ އެކުގައި ބަންގީގެ ފަހަރަކު ކަލިމައެއް ރިޕީޓް ކޮށްލާށެވެ. އިމާމް ތިރްމިޒީގެ ހަދީސެއްގައި ވެއެވެ: ބަންގިއާއި އިޤާމާ (ގަމަތް ދިނުމާއި) ދެމެދު ކުރެވޭ ދުއާ އަނބުރައި ރައްދު ނުކުރެވޭނެއެވެ. އެހެން ކަމުން (އެގަޑީގައި) ދުއާ ކުރާށެވެ.

މައްރިބުން އިޝާއަށް އިއުތިކާފްގައި އިނުން:

އެއަށް ފަހު މަޣްރިބް ނަމާދުގެ ތިން ރަކްއަތް ކޮށްނިމިގެން ރަވާތިބް ސުންނަތުގެ ދެރަކްއަތް ކުރުމަށް ފަހު އިޝާނަމާދު ވަގުތު ޖެހެންދެން މިސްކިތުގައި އިއުތިކާފަށް މަޑުކޮށްލީމެވެ. އަރަބި ބަހުގައި އިއުތިކާފްގެ މާނައަކީ، މަދުވިއަސް ގިނަވިއަސް، ވަގުތުކޮޅަކަށް މަޑުކޮށްލުމެވެ. ބައެއް މީހުންނަށް ޤަބޫލު ކުރެވިފައި އޮންނަަނީ އިއުތިކާފަކީ ހަމައެކަނި ރަމަޟާން މަހު ގިނަދުވަސްތަކަކަށް މިސްކިތުގައި މަޑުކުރުމެވެ. ނަމަވެސް އިމާމްއަހްމަދު އިބްނު ހަންބަލް ފަދަ ގިނަ އިލްމުވެރީންގެ ރައުޔުގައި (އިއުތިކާފަށް ނިޔަތް ގަނެގެން) މިސްކިތުގައި މަޑުކުރާ ކިތަންމެ ކުޑަ ވަގުތުކޮޅަކީ ވެސް އިއުތިކާފެވެ. މިސްކިތުގައި އިއުތިކާފަށް މަޑުކުރުމަކީ ﷲ އާއި އެކަލާނގެ އަޅާއާ ކުއްތަން ކުރުވާ އަޅުކަމެކެވެ.

ސަލާމް ކުރުމުގެ މާތްކަން:

އިޝާ ނަމާދުގެ ވަގުތު ޖެހުމުން އިޝާގެ ހަތަރު ރަކްއަތް ކޮށް އޭގެ ފަހުގައި ރަވާތިބު ސުންނަތުގެ ދެރަކްއަތް ކުރީމެވެ. އެއަށް ފަހު ވިތުރިއެއް ނުކުރަމެވެ. ސަބަބަކީ ތަހައްޖުދު (ދަމު) ނަމާދު ކުރާމީހާއަށް އެންމެ ރަގަޅު ގޮތަކީ ދަމުނަމާދަށް ފަހު ވިތުރި ކުރުން ކަމުގައި ވާތީއެވެ. އިޝާނަމަދަށް ފަހު ހިނގާފައި ގެއަށް ދިޔައީމެވެ. އަދި މިސްކިތުންނާއި މަގުމަތީން ދިމާވި ރަހްމަތްތެރީންނަށް ٱلسَّلَامُ عَلَيْكُمْ وَرَحْمَةُ ٱللَّٰهِ وَبَرَكَاتُهُއިން ސަލާމް ކުރީމެވެ. އިމާމް ބުހާރީގެ ހަދީސެއްގައި ވެއެވެ. އިސްލާމް ދީނުގައި އެންމެ ރަނގަޅުކަމަކީ ކޮބައިތޯ ސުވާލު ދެންނެވުނެވެ، ރަސޫލުﷲ () ހަދީސް ކުރެއްވި އެވެ. އެހެން މީހުނަށް ކާން ދިނުމާއި، ދަންނަ އަދި ނުދަންނަ މީހުންނަށް ސަލާމް ގޮވުމެވެ. އަދި އަބޫ ހުރައިރާ ރިވާ ކުރެއްވި ކަމަށް އިމާމް ނަސާއީގެ ހަދީސެއްގައި ވެއެވެ. ރަސޫލުﷲ () ހަދީސް ކުރެއްވި ހަދީސެއްގެ މާނައިގައި ވެއެވެ. ٱلسَّلَامُ عَلَيْكُمْ މިފަދައިން ކިޔައި ސަލާމް ކޮށްފި މީހަކަށް 10 ހެޔޮކަން ވެއެވެ. އަދި ٱلسَّلَامُ عَلَيْكُمْ وَرَحْمَةُ މިފަދައިން ކިޔައި ސަލާމް ކޮށްފި މީހަކަށް 20 ހެޔޮކަން ވެއެވެ. އަދި ٱلسَّلَامُ عَلَيْكُمْوَرَحْمَةُ ٱللَّٰهِ وَبَرَكَاتُهُ މިފަދައިން ކިޔައި ސަލާމް ކޮށްފި މީހަކަށް 30 ހެޔޮކަން ވެއެވެ. އެހެންކަމުން ގިނަގިނައިން ސަލާމް ކުރާ މީހުންނަކީ އެވެނި ޤައުމެއްގެ މީހުންނޭ ބުނެ މަލާމާތް ކުރުމުގެ ބަދަލުގައި ސަލާމް ގިނަ ކުރުމަކީ ގިނަގުނަ ސަވާބު ލިބޭ، ނުހަނު ހެޔޮކަން ބޮޑުވެގެންވާ އަޅުކަމެކެވެ.

ގެއަށް ވަންނަމުން އާއިލާއަށް ސަލާމް ގޮވުމުގެ މާތްކަން

ގެއަށް ގޮސް ﷲ ގެ އިސްމުފުޅު ކިޔައި ގެއަށް ވަނީމެވެ. ހަމައެއާ އެކު ގެއަށް ވަންނަމުން (ގޭގައި މީހުން ތިއްބަސް އަދި ނެތަސް) ٱلسَّلَامُ عَلَيْكُمْوَرَحْمَةُ ٱللَّٰهِ وَبَرَكَاتُهُ ކިޔައި ސަލާމް ގޮވައިލީމެވެ. މިއީ މުސްތަހަބް ނުވަތަ އެދެވިގެންވާ ހެޔޮކަމެކެވެ. ސިލްސިލާ އައްސަހީހާގައި އަލް އަލްބާނީ ލިއުއްވާފައި ވެއެވެ. ރަސޫލުﷲ () ހަދީސް ކުރެއްވި ހަދީސެއްގެ މާނައިގައި ވެއެވެ. މީހަކު އޭނަގެ ގެއަށް ވަންނައިރު (ސުންނަތުގައި ވާރިދު ވެފައިވާ ދުއާއެއް ކިއުމަށް ފަހު) އޭނާގެ އާއިލާއަށް ސަލާމް ގޮވައިލާށެވެ. އަނަސް އިބްނު މާލިކް ރިވާ ކުރެއްވި ކަމަށް އިމާމް ތިރުމީޒީގެ ހަދީސެއްގައި ވެއެވެ. ރަސޫލުﷲ () ހަދީސް ކުރެއްވި ހަދީސެއްގެ މާނައިގައި ވެއެވެ. ތިބާ ތިބާގެ އާއިލާތިބި ތަނަށް ވަދެ ސަލާމް ގޮވާލުމުން އެއީ ތިބާ އަށާއި އާއިލާއަށް ހުރި ބަރަކާތެކެވެ. އެހެން ކަމުން މިސްކިތަށް ވިއަސް އަދި އެހެން ތަނަކަށް ވިއަސް ބޭރަށް ގޮސްފައި އެނބުރި ގެއަށް ވަންނަމުން ٱلسَّلَامُ عَلَيْكُمْوَرَحْمَةُ ٱللَّٰهِ وَبَرَكَاتُهُ ކިޔައި ގޭގެ އަހުލުވެރީންނަށް ސަލާމް ކުރުމަށް ފަހު ގެއަށް ވަންނާށެވެ.

ކާން ފެށުމުގެ ކުރީން بسم الله ކިއުން:

އީޝާ ނަމާދަށް ފަހު ގެއަށްގޮސް އާއިލާއާ އެކު ވަގުތު ކޮޅެއް ހޭދަކުރުމަށް ފަހު އާއިލާގެ އެންމެން އެކުގައި ކާން އެރީމެވެ. އަދި بسم اللهގެ ބަރަކާތުން ކާން ފެށީމެވެ. އިމާމް ތިރުމީޒީގެ ހަދީސެއްގައި ވެއެވެ. ރަސޫލުﷲ () ގެ ހަދީސެއްގެ މާނައިގައި ވެއެވެ: ތިޔަބައި މީހުންގެ ތެރެއިން މީހަކު ކާއެއްޗެއް ކާކަމުގައި ވަނީ ނަމަ އޭނާ بسم الله ކިޔާހުށީ ކަމެވެ. އަދި ފެށުމުގައި އެކަން ހަނދާން ނެތިއްޖެ ނަމަ بِسْمِ اللهِ فِي أَوَّلِهِ وَآخِرِهِ، މިފަދައިން ކިޔާށެވެ.

ނިދުމުގެ ކުރީން ވުޟޫ ކުރުމުގެ ސުންނަތް:

ރޭގަނޑުގެ ކެއުމަށް ފަހު ލަސްވެގެން 10.00 ޖަހާއިރު ނިދުން ރަނގަޅެވެ. ދަމު ނަމާދަށް 3 ޖަހާއިރު ހޭލުމުގެ ނިޔަތުގައެވެ. ނިދަން އޮށޯތުމުގެ ކުރީން ވުޟޫކުރުމަކީ އެދެވިގެންވާ، މުސްތަހަބް ކަމެކެވެ. ބުހާރީ އަދި މުސްލިމް ގެ ހަދީސެއްގައި ވެއެވެ. ރަސޫލުﷲ () ގެ ހަދީސެއްގެ މާނައިގައި ވެއެވެ: ތިބާ ނިދަން އަރާއިރު، ނަމާދަށް ވުޟޫކުރާ ފަދައިން ވުޟޫ ކުރާށެވެ. މިއީ ހެޔޮކަން ބޮޑުވެގެންވާ ސުންނަތެކެވެ.

ނިދުމުގެ ކުރިން ޒިކުރު ކިއުމާއި ދުއާ ކުރުމުގެ ސުންނަތް:

ނިދަން ވުޟޫކޮށްގެން އެނދަށް އެރުމުގެ ކުރީން އެނދު ފޮޅައިލަމެވެ. ބުހާރީ އަދި މުސްލިމްގައި ވެއެވެ، އަބޫ ހުރައިރާ ރިވާ ކުރެއްވިއެވެ. ރަސޫލުﷲ () ގެ ހަދީސެއްގެ މާނައިގައި ވެއެވެ: ތިޔަބައި މީހުންގެ ތެރެއިން މީހަކު ނިދަން އެނދަށް އަރާނަމަ އެނދު ފޮޅައިލާށެވެ. އެހެނީ އޭނާ ނެތީސް އެނދަށް އެރީ ކޮން އެއްޗެއް ކަމެއް އޭނައަކަށް ނޭގޭނެއެވެ. އަދި އެއަށް ފަހު މިފަދައިން ކިޔާށެވެ.

بِاسْمِكَ رَبِّ وَضَعْتُ جَنْبِي وَبِكَ أَرْفَعُهُ إِنْ أَمْسَكْتَ نَفْسِي فَارْحَمْهَاوَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِي

(މާނައީ: ﷲ ގެ އިސްމުފުޅު ނަންގެނެވުމާއި އެކު މިއަޅާ އޮށޯންނަމެވެ. އަދި ﷲ ގެ އިސްމުފުޅު ނަންގެނެވުމާ އެކު މިއަޅާ ހެނދުނު ތެދުވަމެވެ. މިއަޅާގެ ފުރާނަ (ނިދުމުގެ ތެރޭގައި) ﷲ ގެންދަވައިފި ނަމަ އެފުރާނަ އަށް ރަހްމަތް ލައްވާދޭވެ. އަދި އެފުރާނަ (ނިދުމަށް ފަހު) އަނބުރާ އިއާދަ ކުރައްވައިފި ނަމަ، އިބަ ﷲ ގެ ސޯލިހު އަޅުން ރައްކާތެރި ކުރައްވާ ފަދައިން (މިއަޅާގެ ފުރާނަ) ރައްކައުތެރި ކުރައްވާދޭވެ).

އެއަށް ފަހު سبحان الله 33 ފަހަރު، الحمد لله 33 ފަހަރު، އަދި الله أكبر34 ފަހަރު (ޖުމަލް 100 ފަހަރު) ކިޔަމެވެ.

ބުހާރީ އަދި މުސްލިމް ގައި ވެއެވެ، އަލީ އިބްނު އަބީ ތާލިބް ރިވާ ކުރެއްވި އެވެ. ފާތުމަތުގެ ފާނު ރަސޫލުﷲ () އަރިހަށް ވަޑައިގެން ގޭގައި ގެންގުޅޭނެ ޙާދިމަކު ހޯދަން ދެންނެވިއެވެ. އެހިނދު ރަސޫލުﷲ () ހަދީސް ކުރެެއްވި ހަދީސެއްގެ މާނާގައި ވެއެވެ: އެއަށްވުރެ (ގެންގުޅޭނެ ޙާދިމަކު ލިބުމަށް ވުރެ) ކަމަނާ އަށް ރަނގަޅު ކަމެއް ބުނެ ދެއްވާނަމެވެ. އެއީ ނިދަން އޮށޯވެވަޑައިގަތުމާއި އެކު سبحان الله 33 ފަހަރު، الحمد لله 33 ފަހަރު، އަދި الله أكبر 34 ފަހަރު ވިދާޅުވާށެވެ.

މަތީގައިވާ ހަދީސްގައި ވާފަދައިން ޒިކުރުތައް ކިއުމަށްފަހު ކީރިތި ޤުރުއާނުގެ އެންމެ ފަހު ތިން ސޫރަތް ކިޔަވަމެވެ.

ސަހީހް ބުހާރީގައި ވެއެވެ، އައިޝަތުގެފާނު ރިވާ ކުރެއްވި ހަދީސެއްގެ މާނައިގައި ވެއެވެ. ރަސޫލުﷲ () އަވަހާރަފުޅު ލައްޕަވަން އޮށޯވެވަޑައިގެން ކޮންމެ ރެއަކު އިޚްލާސް، ފަލަޤް، ނާސް، މި 3 ސޫރަތް ކޮންމެ ސޫރަތެއް 3 ފަހަރު ވިދާޅުވެ، ދެއަތްޕުޅަށް ފުމެލެއްވުމަށް ފަހު، އިސްތަށިފުޅާއި މޫނުފުޅުން ފެށިގެން، ގައިކޮޅުގައި އަތްޕުޅު ފިރުމާލައްވައެވެ.

މިސޫރަތްތައް ކިޔެވުމަށް ފަހު ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގައިވާ އާޔަތުލް ކުރުސީ ކިޔަމެވެ.

ސަހީހް ބުޚާރީގައިވާ، އަބޫ ހުރައިރާ ރިވާ ކުރެއްވި މަޝްހޫރު ހަދީސްގައިވެއެވެ. ރަސޫލުﷲ () ހަދީސެއްގެ މާނައިއި ވެއެވެ: ނިދަން އޮށޯންނަމުން އާޔަތުލް ކުރުސީ ކިޔާށެވެ. އެއިރުން ހެނދުނު ވާންދެން އެމީހަކު ވާހުށީ ﷲ ގެ ރައްކައުތެރިކަމުގެ ދަށުގައެވެ، އަދި އެއްވެސް ޝައިތާނެއް އެމީހަކާ ކައިރި ނުވާ ހުއްޓެވެ.

އެއަށް ފަހު ނިދުމުގެ ކުރީން އެންމެ ފަހު ޒިކުރު ނުވަތަ ދުއާގެ ގޮތުގައި، ބަޤަރާ ސޫރަތުގެ އެންމެ ފަހު ދެއާޔަތް ކިޔެވީމެވެ.

ބުޚާރީ އަދި މުސްލިމްގައި ވެއެވެ، އަބޫ މަސްއޫދު ރިވާ ކުރެއްވިއެވެ. ރަސޫލުﷲ () ގެ ހަދީސެއްގެ މާނައިގައި ވެއެވެ: ކޮންމެ ރެއަކު ސޫރަތުލް ބަޤަރާގެ ފަހު ދެއާޔަތް ކިޔަވައިފި މީހަކަށް އެ ދެ އާޔަތް ފުދެއެވެ. ބައެއް އިލްމު ވެރީން ވިދާޅުވާ ގޮތުގައި އެ ދެ އާޔަތް އެމީހަކަށް ފުދެއެވެ އޮތް ބަހުގެ މާނައަކީ އެދެއާޔަތް ކިޔެވުމުގެ ސަބަބުން ﷲ އެމީހަކަށް ރައްކާތެރިކަން އެ ރެއަކު ދެއްވަވާނެ ވާހަކައެވެ. އަނެއްބައި އިިލްމުވެރީން ވިދާޅުވާ ގޮތުގައި އެބަހުގެ މާނައަކީ ރޭގަނޑު އެދެއާޔަތް ކިޔެވުމުން އެމީހަކަށް ރޭއަޅުކަން ކުރުމުގެ ދަރުމަ ﷲ ދެއްވަވައެވެ.

ނިދާ ވަގުތުގެ ޒިކުރުތަކާއި ދުއާތަކަށް ފަހު ރަސޫލުﷲ () ގެ ސުންނަތުގައި ވާ ފަދައިން ކެއުމާއި ބުއިމަށް ބޭނުން ކުރާ ކަންވާރުތަކުގައި މަތި ޖަހައި، ނިދުމުގެ ކުރިން ކިއުމަށް ސުންނަތް ވެގެންވާ، بِاسْمِكَ اللَّهُمَّأَمُوتُ وَأَحْيَا، މިފަދައިން ކިޔައި، ކަނައަތް ފަރާތަށް އެނބުރި އޮވެ ނިދީމެވެ.

( ތިން ބަޔަށް ބެހިގެންވާ މި ލިއުމުގެ ފުރަތަމަ ބައި މިހިސާބުން ނިމުނީ އެވެ. ދެވަނަ ބައިގައި  أَن يَشَاءَ اللَّهُ ގެނެސް ދޭނީ ދަމު ނަމާދަށް ހޭލާ ހިސާބުން ފެށިގެން ހެނދުނާ ހަމައަށެވެ. وما توفيقي الا بالله.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!