ކޮލަމް

ނިރު ކޮލަމް: ކިބުރުވެރި އިންސާނާގެ ހާލު!

މުޙައްމަދު ބުޝްރީ ނިރު ، ދެން އޮންލައިން

އެއްތަނުން އަނެއް ތަނަށް ދަތުރު ކުރާ އިރު މަތިންދާ ބޯޓު އުދުހޭ އެވްރެޖް އުސްމިނަކީ 36،000 ފޫޓެވެ. އެއީ އިމާރާތެއްގެ އުސްމިނުން މިސާލުޖަހާ ނަމަ ގާތްގަނޑަކަށް ހަތަރު ހާސް ބުރީގެ އިމާރާތެއްގެ އުސްމިނެވެ. އެފަދަ އުހުން އެ އޮތް ބަރު މަތިންދާ ބޯޓު އުދުހިފައި ދާ އިރު އޭގެ ތެރޭގައި އަރާމު މަޑު ގޮނޑިއެއްގައި އިށީނދެއިނދެ، މީރު ކާއެއްޗެތި ކަމުން، ސީޓުގެ ކުރިމަތީގައި ހުރި ޓީވީން ހޮލީވުޑްގެ ފަހުގެ ފިލްމެއް ބަލަން އިން އިންސާނާގެ ހިތުގައި އެއްވެސް ބިރުވެރި ކަމެއް ނެތެވެ. ވެއްޓޭނީ އެހެން މީހުން ދަތުރުކުރާ ބޯޓެވެ. ތިމަންނާ ދަތުރުކުރާ ބޯޓެއް ނުވެއްޓޭނެއެވެ. ބޯޓު ގޮސް ޖައްސަނީ ބެންކޮކްގެ ސުވަރނަބޫމީ އެއާރޕޯރޓްގައެވެ. އިމިގްރޭޝަން ޗެކްއައުޓް ކުރުމަށް ފަހު އެއާރޕޯރޓް ޓެކްސީގައި މިސްރާބް ޖަހަނީ ޕަތޫނާމްގެ ސެންޓަރ ޕޮއިންޓް ހޮޓަލަށެވެ. ހޮޓަލަށް ޗެކިން ކުރުމަށް ފަހު ފެންވަރައިގެން ދަނީ ރެސްޓޯރެންޓަށެވެ. އެތަނުން ހަރާމެއް ހަލާލެއް ނުބަލައި މީރުކޮށް ކައިގެން ބޮއެގެން ދެން ދަނީ ސުކުމްވިތުގެ މަޝްހޫރު މަސާޖް ޕާލޯ އަކަށެވެ. އެތަނުން ހިތްފުރެންދެން ދުނިޔެވީ ލައްޒަތު ހޯދުމަށް ފަހު ހޮޓަލަށް ގޮސް އަރާމުކޮށް ނިދައިލާއިރު އަނެއް ދުވަހު ތިމަންނާ މިދުނިޔެއަށް ހޭނުލެވިދާނެ ކަމަކަށް އެއް ފަހަރު ވެސް ހިތަކަށް ނާރައެވެ.

Ads by MWSC

އެއިންސާނާ ދަތުރު ކުރި ބޯޓު ނުވެއްޓުނީ ﷲ ގެ ރަހުމަތުންނެވެ. ބެންކޮކްގެ ކާރޫބާރޫ ބޮޑު މަގުތަކުން އޭނާ ދަތުރު ކުރި ޓެކްސީ އެކްސިޑެންޓް ނުވެ ސަލާމަތްވީ ﷲ ގެ ރަހުމަތުންނެވެ. މާތް ﷲ ދެއްވި ރިޒްގުގެ ފައިސާ ހަރާމް ގޮތުގައި ޚަރަދުކޮށް، ދުނިޔެވީ ލައްޒަތު ހޯދަން އޭނާ ދިޔަ މަސާޖު ޕާލޯގެ ކަސްބީ އަންހެނާގެ ގައިން އެއިންސާނާ ގަޔަށް އެއިޑްސް ބަލި ނޭރީ ﷲ ގެ ރަހުމަތުންނެވެ. އޭނާގެ ދަތުރު ނިންމުމަށް ފަހު އެނބުރި ދިވެހި ރާއްޖެއަށް ދަތުރުކުރި ބޯޓު ނުވެއްޓުނީ ވެސް ހަމަ ﷲ ގެ ރަހުމަތުންނެވެ. ޑިއުޓީ ފްރީއިން މީރު ޗޮކްލެޓާއި، އެހެނިހެން ހަދިޔާ ބަދިޔާ ހިފައިގެން އޭނާ އެނބުރި ގެއަށް އައިސް އޭނާގެ ލޯބިވާ އަނބިމީހާ އާއި ދެދަރީންގެ ގައިގައި ބާރަށް ބައްދާލައެވެ. ރީތި އާއިލާއެކެވެ. ﷲ ގެ ނިއުމަތެވެ. އޭނާ ބެންކޮކްގައި ކޮށްފައި އައި ފާހިޝް އަމަލުގެ ކުޑަ ހިލަމެއް ވެސް އޭނާގެ އަނބިމީހާ އާއި ދަރީނަންކަށް ނުވެއެވެ. އެއީ ނަމޫނާ ފިރިއެކެވެ! ނަމޫނާ ބައްޕައެކެވެ! އޭނާގެ އަނދިރިފަރާތް އެއްވެސް މީހަކަށް ނޭނގުނަސް ﷲ ބައްލަވައި ވޮޑިގެންވާކަން އޭނާ ހަނދާނެއް ނެތެވެ.

ބެންކޮކުން ގަނެގެން އައި އަގުބޮޑު މުދާތައް ކަސްޓަމުން ބޭރު ކުރަނީ ޑިއުޓީއަށް މަކަރު ހަދައި، ﷲ ހަރާމް ކުރެއްވި ރިޝްވަތު ދީގެންނެވެ. މުދާތައް ގެންގޮސް ފިހާރައިގައި އަތުރައިލުމާ އެކު ހެސްކިޔާފައި ވިޔަފާރި ވެއެވެ. އޭނާއަކީ ބޮޑު ވިޔަފާރިވެރިއެކެވެ. މަހުޖަނެކެވެ. އަގުބޮޑު ކާރުގައި ކޮޅުކޮޅަށް ދުއްވައެވެ. އަސުރު ނަމާދަށް ފިހާރަ ބަންދު ކޮށްފައި ލިބޭ 30 މިނިޓްގެ ބްރޭކްގައި އޭނާ އަވަސްވެގަންނަނީ ނަން މަޝްހޫރު ކެފޭއަކަށް ވަދެ އޭނާގެ "ގާތް" އަންހެން ކުއްޖަކާ އެކު ކޮފީއެއް ބޯލާށެވެ. އެކި މިސްކިތްތަކުން އެކި ރާގު ރާގަށް ބަންގި ގޮވާއަޑު އޭނާގެ ކަންފަތަށް ނީވޭ ފަދައެވެ. އެއީ ވަގުތީ އުނދަގުލެކެވެ. ހަތަރު ވަރަކަށް މިނިޓަށް އޭނާ އެއަޑުފަށްގަނޑަށް ކެތްކޮށްލައެވެ. އޭނާގެ "ގާތް" އަންހެން ކުއްޖާއާ ބައްދަލުކޮށްލުމުގެ އެދުން އޭނާގެ ހިތުގައި ރާޅު ބާންޏެއްހެން ފެތުރިގެން ދެއެވެ.

އަގުބޮޑު، މީރު ކޮފީ އަށް ފަހު އަންހެންކުއްޖާއަށް "ސީޔޫ ޓުނައިޓް" ކިޔާފައި އޭނާ އެނބުރި ފިހާރައަށް ގޮސް ހަބޭހަށް ވިޔަފާރި ކުރުމަށް ފަހު މަޣްރިބަށް ފިިހާރަ ބަންދުކޮށްފައި ގެއަށްދާއިރު އަންހެނުން ހުންނަނީ މީރުކޮށް ކައްކައިފައެވެ. ދަރީން ތިބެނީ އައިޕެޑްތަކުން ގޭމް ކުޅޭށެވެ. އޭނާ ހުރީ ހެވިފައެވެ. ތަނަވަސްކަމާއި، ރީތީ އާއިލާއަކާއި، އަގު ބޮޑު ކާރާއި، މަހަކު އެއްފަހަރު ބެންކޮކަށް ކުރާ މަޖާ ދަތުރުތަކާއި، ވީކްއެންޑްގައި ރިސޯރޓްތަކާއި ސަފާރީތަކަށް ކުރާ ދަތުރުތަކުން އޭނާގެ ޝެޑިއުލް ވަރަށް ބިޒީީއެވެ.

އެއްދުވަހަކު ރައްޓެއްސެއް ކައިރިން އޭނާ މަޖަލަކަށް ހަދައިފައި ސުވާލު ކުރިއެވެ. މުސްލިމުން މިކުރާ ފަސް ނަމާދު ދުވާލަކު އެއް ނަމާދަށް ހަދާލެވޭނެ ގޮތެއް ނޯންނާނެ ތޯއެވެ! ޖުނުބުން ހިނައިގަތުމަކީ އޭނާ ކުރާ ކަމެއް ނޫނެވެ. އެކަން ކުރަން އޭނާއަށް ނުވެސް އެނގެއެވެ. އެންމެ ފަހުގެ އަރމާނީ ސެންޓާއި، އަގު ބޮޑު ޝަވަރ ޖެލް އާއި މީރުވަސް ދުވާ އާފްޓަރޝޭވުން އޭނާގެ ވަށައިގެން ތާޒާކަމުގެ ސާލެއް ލެވިފައި ވެއެވެ. ނަމަވެސް އޭނާގެ ހަޔާތް އެ ހޭދަވަނީ އެއްފަހަރު ވެސް ޖުނުބުން ހިނައި ނުގަނެއެވެ. ނަމާދެއް ނުކޮށެވެ. ކީރިތި ޤުރުއާނުން އަކުރެއް ނުކިޔަވައެވެ. މުދަލު ޒަކާތެއް ނުދީއެވެ. ﷲ ދެއްވި ނިއުމަތް ތަކަކީ އޭނާގެ ނަޒަރުގައި އޭނާގެ ބުރަ މަސައްކަތާއި އޭނާގެ މޮޅުކަމުން ހޯދި ތަކެއްޗެވެ.

އަނެއް މަހުގެ ބެންކޮކް ދަތުރު ދަނީ އެއްކަލަ "ގާތް" އަންހެން ކުއްޖާ ގޮވައިގެންނެވެ. އޭނާގެ އަނބިމީހާއަކަށް ރޭކާ ވެސް ނުލައެވެ. ދިހަ ދުވަހުގެ މަޖާ ދަތުރު ނިންމައިލާފައި އައިސް ގެއަށް ވަންތަނާ އޭނާ އަނބުރައިގަނެގެން ވެއްޓެއެވެ. އަނބިމީހާ ވަގުތުން އެމްބިލާންސަށް ގުޅައެވެ. އޭނާއަށް ސްޓްރޯކެއް ޖެހުނީ އެވެ. ބެންކޮކުގެ އަގުބޮޑު ރެސްޓޯރެންޓްތަކުން ކޭ ތެލުލި އޫރު މަހާއި ބުއި ރަލުގެ ސަރުބީތަކުން އޭނާގެ ލޭނާރުތައް ވަނީ ފުރި ބާރުވެފައެވެ. ހޮސްޕިޓަލުގެ އައިސީޔޫގައި ދެ ހަފްތާއެއްހައި ދުވަހު ބޭއްވުމަށް ފަހު ދޫކޮށްލިއިރު އެއްކަލަ އިންސާނާ މިވަނީ ކަރުންތިރި އެއްކޮށް ވާވެފައެވެ. ޕެރެލައިޒް ވެފައެވެ. އިސާހިތަކު އޭނަގެ "ގާތް" އަންހެންކުދިން ގެއްލިއްޖެއެވެ. ވިޔަފާރި ބަނގުރޫޓް ވެއްޖެއެވެ. އަނބިދަރީން ވެސް ބިކަވެއްޖެއެވެ. ވާވެފައިވާ ހަށިގަނޑެއްގެ ތެރޭ ތާއަބަދަށް އޭނާ ގައިދު ކުރެވިއްޖެއެވެ. މިހާރު އޭނާ ބޭނުން ވިޔަސް ނަމާދެއް ނުކުރެވެއެވެ. ޤުރުއާނެއް ނުކިޔެވެއެވެ. ޒަކާތް ދޭނެ ފައިސާއެއް ނެތެވެ.

އެންމެ ފަހުން އޭނާ މިދުނިޔެ ދޫކުރަނީ ދުވަހަކު ޖުނުބުން ހިނައި ނުގަންނަ، ދުވަހަކު ނަމާދެއް ނުކުރާ، ދުވަހަކު ޤުރުއާނުން އަކުރެއް ނުކިޔަވާ، ދުވަހަކު ޒަކާތް ނުދޭ، ވާޖިބު ވިޔަސް ހައްޖުގެ އަޅުކަން އަދާ ނުކުރާ، ﷲއަށް ހަރާމްކޯރު ވެފައިވާ މީހެއްގެ ގޮތުގައެވެ. އޭނާ މިދުނިޔެއަށް ލީ އެންމެ ފަހު ނޭވާގައި އޭނާގެ އެންމެ ފަހުގެ ބަހަކަށްވީ "ބެންންން ކޮކްކްކްކް..." އެވެ! މިއީ ކިބުރުވެރި އިންސާނާގެ ހާލެވެ. މިއީ މި އާޓިކަލް ކިޔާ ތިޔަ އިންސާނާގެ ހަޔާތުގެ ވާހަކަ ކަމުގައި ނުހަދާށެވެ! އިސްލާހުވާށެވެ. ﷲ ތިބާއަށާއި މި ނިކަމެތި އިންސާނާއަށް ހިދާޔަތާއި ތައުފީޤް ދެއްވާށިއެވެ. އާމީން!

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!