ވައިރަސްއާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު މަޖިލީހަށް
ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއާ ގުޅިގެން ކުރެވޭ މަސައްކަތުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ކޮރޯނާ ވައިރަސްއިން ރައްކާތެރި ވުމަށްޓަކައި ސަރުކާރުން ގެންދަވަނީ މުހިއްމު ފިޔަވަޅުތަކެއް އަޅުއްވަމުން ކަމަށެވެ.
މިގޮތުން މިހާތަނަށް އެޅިފައި ހުރި ފިޔަވަޅުތަކާއި، އިތުރަށް ކުރުމަށް ރާވާފައި ހުރި މަސައްކަތާއި ބެހޭގޮތުންނާއި އަދި މި ވައިރަސްއާ ބެހޭ އެހެނިހެން މައުލޫމާތު މަޖިލީހުގެ މެންބަރުންނަށް ހިއްސާކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށްވެސް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.
"ވީމާ، ރައްޔިތުން މަޖިލީހުގެ ކަމާ ބެހޭ މެންބަރުންނާއި ބައްދަލުކޮށް މައުލޫމާތު، ހިއްސާކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުން އެދެމެވެ" އަމީން ވިދާޅުވިއެވެ.
ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ގާތްގަނޑަކަށް 6000 އަށް އަރާފައިވާއިރު މި ބަލީގައި މަރުވި މީހުންގެ އަދަދު 132 އަށް މިހާރު ވަނީ އަރާފައެވެ.