ވެކްސިން ދިނުމަށް ދެކޮޅު ހަދާ މީހުންނަށް ދައުވާ ކުރަން ފަށަނީ
ވެކްސިން ދިނުމަށް ދެކޮޅު ހަދާ މީހުންނަށް ވަރަށް އަވަހަށް ދައުވާ ކުރަން ފަށާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
ޝަމީމްގެ ދަރިފުޅަށް ވެކްސިން ދިނުމަށްފަހު ކުރެއްވި ޓްވީޓެއްގައި ޝަމީމު ވިދާޅުވީ ވެކްސިން ދޭން ދެކޮޅު މީހުންނަށް ކުރިއަށް އޮތް 22 ދުވަހުގެތެރޭ ދައުވާ ކުރަން ފަށާނެ ކަމަށެވެ.
ޕީޖީ މިހެން ވިދާޅުވިއިރު ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލުގައި ވަނީ ކުޑަކުދިން ބަލިތަކުން ސަލާމަތްވާން ޖަހަންޖެހޭ ވެކްސިކް އެކުދިންނަށް ޖެހުމަކީ މައިންބަފައިންގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
އަދި ވެކްސިން ޖެހުމަށް ކުއްޖާގެ މައިންބަފައިން އުޒުވެރިވުމަކީ މައިންބަފައިންނަށް ލިބިފައިވާ ހައްގެއް ނޫން ކަމަށާއި ދަރިމައިވުމުން ކުރަން ޖެހޭ ފަރުވާގެ އިތުރުން މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ އެކުއްޖާ ވިހެއުމާ ހަމައަށާއި ކުއްޖާ ވިހެއުމަށްފަހު ބޭނުންވާ ފަރުވާއަކީ ކުއްޖާއަށް ލިބިގެންވާ ހައްގެއް ކަމަށް ވެސް މި ބިލުގައި ކަނޑައަޅާފައިވެއެވެ.