ޚަބަރު

ކައުންސިލް އިންތިހާބުގައި ބަހައްޓާނީ 538 ވޯޓު ފޮށި

ދެން އެމްވީ ، ދެން އޮންލައިން

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި 538 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

Ads by STELCO

އިލެކްޝަންސް ކޮމިޝަނުގެ ނާއިބުރައީސް އަޙްމަދު އަކްރަމް ވިދާޅުވީ މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުސިލް އިންތިޚާބުގައި މުޅި ރާއްޖޭގައި 538 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާކަމަށާއި، އޭގެ ތެރެއިން 169 ވޯޓުފޮށި މާލޭގައި ބަހައްޓާނެކަމަށެވެ.

އަކްރަމް ވިދާޅުވީ އެހެން އިންތިޚާބުތަކާއި މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ތަފާތުތަކެއް ހުރުމުން ވޯޓުލާންދާ މީހުންގެ ކިއުތައް ވީހާވެސް މަދުކުރުމަށް ހާއްސަ އިސްކަމެއްދީފައިވާނެކަމަށެވެ. އެގޮތުން ކޮންމެ ފޮށްޓަކަށްވެސް ވޯޓުލުމަށް ލިސްތްކުރާނީ 750އާއި 800 ދެމެދުގެ އަދަދެއްގެ މީހުންކަމަށްވުމާއެކު ޚާއްސަކޮށް މާލޭގައި ވޯޓުލާ މަރުކަޒުތައް އިތުރުވެގެން ދާނެކަމަށެވެ.

ކުރީގެ ބައެއް އިންތިޚާބުތަކުގައި ހުސްބިންތަކާއި، ސްޓޭޑިއަމްތަކުގައި ވޯޓުލުން ކުރިއަށްގެންދިޔަ ގޮތަށް މިފަހަރުގެ އިންތިޚާބުގައިވެސް އެކަން ތަކުރާރުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އާންމު ފަރާތްތަކަށް ވީހާވެސް ފަސޭހަކަމާއެކު ވޯޓުލެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހާއްސަ އިސްކަމެއްދީގެން ކުރިއަށްދާކަމަށާއި އެގޮތުން މާލެސިޓީގައި ގަލޮޅު ދަނޑާއި މާފަންނު ސްޓޭޑިއަމްގައިވެސް ވޯޓުލުން ކުރިޔަށްދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!