ޗައިނާއަށް ސީދާ ދަތުރުތައް މެދުކަނޑާލައިފި
ސީދާ ޗައިނާއިން ރާއްޖެއަށް ދަތުރު ކުރާ ފްލައިޓްތައް ވަގުތީގޮތުން މެދު ކަނޑާލައިފިއެވެ.
ފޮރިން މިނިސްޓްރީ އާއި ހެލުތު މިނިސްޓްރީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާގައި ފެތުރެމުންދާ ނުރައްކާތެރި އާ ކޮރޯނާ ވައިރަސް އާ ގުޅިގެން، ރާއްޖޭން ޗައިނާ އިން ކުރާ ސީދާ ދަތުރުތައް މުއްދަތެއްނެތް ގޮތަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، ދިވެހިން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ އެހެން ދަތުރުތައް ޗައިނާ އާއި ބަލި ފެނިފައިވާ ގައުމުތަކަށް ނުކުރުމަށް ސަރުކާރުން ދިވެހިންނަށް ޓްރެވަލް އެޑްވައިޒަރީއެއް މިއަދު ނެރޭނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސީދާ ދަތުރުތައް މެދުކަނޑާލަން ނިންމީ، ފަތުރުވެރިކަމުގެ ސިނާއަތުގައި އުޅޭ ގިނަ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.
ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ގައުމުތަކަށް ހަލުވި ކަމާއިއެކު ދަތުރު ކުރަމުން ދާއިރު، އަދި މިހާތަނަށް ރާއްޖެއިން މި ބަލި ފެނިފައެއް ނުވެއެވެ. ސަރުކާރުން ވަނީ ރާއްޖެއިން ކޮރޯނާ ވައިރަސް ފެނިއްޖެނަމަ ކަންތައް ކުރާނެ ގޮތްތައް ނިންމައިފައެވެ.