ޚަބަރު

އެމްޑީޕީ ޕްރައިމަރީގައި ވޯޓު ފޮށި ބަހައްޓާ ތަންތަން އިއުލާންކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން މާދަމާ ބާއްވާ އެ ޕާޓީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި މާލޭ ސިޓީގައި ވޯޓު ފޮށި ބަހައްޓާ ތަންތަން އިއުލާން ކޮށްފިއެވެ.

Ads by Hajj Corporation

އެ ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭ ސިޓީގެ އަށް ތަނެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މާލޭ ރައްޔިތުން ވޯޓު ލާ ފޮށިިތައް ދަރުބާރު ގޭގައި ހުންނަ އިރު، ހުޅު މާލޭ ރައްޔިތުން ވޯޓު ލާ ފޮށި ހުންނަނީ ރެހެންދި ސްކޫލްގައެވެ. ވިލިމާލޭ ރައްޔިތުން ވޯޓުލާ ފޮށި ހުންނަނީ، މުހްޔިއްދީން ސްކޫލްގައެވެ.

ބަކީ ހަ ތަނުގައި ހުންނަނީ އަތޮޅުތަކުގެ ރައްޔިތުންގެ ވޯޓުލާ ފޮށިތަކެވެ.

އެހެން ފޮށިތައް ހުންނަ ތަންތަން:

- ކަލާފާނު ސްކޫލް: ގއ އަތޮޅު ، ގދ އަތޮޅު، ށ އަތޮޅު، ނ އަތޮޅު

- މަޖީދިއްޔާ ސްކޫލް: އައްޑޫ ސިޓީ، ވ އަތޮޅު، މ އަތޮޅު، ފ އަތޮޅު، ދ އަތޮޅު

- އިމާދުއްދީން ސްކޫލް: ހއ އަތޮޅު، ހދ އަތޮޅު، ކ އަތޮޅު، އއ އަތޮޅު، އދ އަތޮޅު

- އިސްކަންދަރު ސްކޫލް: ފުވައްމުލައް ސިޓީ، ރ އަތޮޅު، ބ އަތޮޅު، ޅ އަތޮޅު

- އެމްޑީޕީ ހަރުގެ: ތ އަތޮޅު، ލ އަތޮޅު

މާލެގެ އިތުރުން ރާއްޖޭގެ 92 ރަށެއްގައި ވޯޓުލުން ކުރިއަށްދާނެއެވެ. ވޯޓުލުން ކުރިއަށް ދާނީ މާދަމާ މެންދުރު 2:00 އިން ރޭގަނޑު 7:00 އަށެވެ.

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ނެރޭ ކެންޑިޑޭޓުން ހޮވަމަށް ބާއްވާ ޕްރައިމަރީގައި ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކަށް މުޅި ޖުމްލަ 1،279 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފަ އެވެ. އޭގެ ތެރެއިން އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވުމުން މިހާރު 389 ކެންޑިޑޭޓުންނަށް ޓީކެޓް ވަނީ ކަށަވަރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!