ޚަބަރު

ނަފްރަތުގެ ބިލު ހުށަހެޅީ އިސްލާމިކް މިނިސްޓްރީގެ ލަފާ ނުހޯދާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފްރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހަޅުއްވައިފައިވާ ބިލް މަޖިލީހަށް ހުށަހެޅުއްވީ އިސްލާމިކް މިނިސްޓްރީގެ ލަފާ ނުހޯދާކަން ހާމަވެއްޖެއެވެ.

Ads by STELCO

އެތައް ބައެއްގެ ނުރުހުމާ ފާޑުކިޔުން އަމާޒުވެފައިވާ މި ބިލަށް އިސްލާމިކް މިނިސްޓްރީއާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ލަފާ ހޯދަން، ޖުޑީޝިއަރީ ކޮމިޓީއިން ރޭގައި ނިންމެވިއެވެ.

ޖުޑީޝަލް ކޮމިޓީއަށް އިއްޔެ ފޮނުވި ބިލާމެދު މަޝްވަރާކުރުމުގެ ފުރަތަމަ ބައްދަލުވުން ރޭ ވަނީ ބާއްވައިފައެވެ. މި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އެ ބިލަށް ލަފާ ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދުމަށް ފެންނަ ކަމަށާއި އޭގެ އިތުރުން އެ ބިލުގެ ބާވަތުން، އިސްލާމިކް މިނިސްޓްރީގެ ލަފާ ހޯދުމަށް ވެސް ފެންނަކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރުން މިއީ ހިޔާލު ފާޅުކުރުމާ މި ބާވަތުގެ ހައްގުތަކާ ބެހޭ ބިލަކަށް ވެސް ވާތީ ހިއުމަން ރައިޓްސް ކޮމިޝަނުގައި މި ބިލާ މެދު ހިޔާލު ފާޅުކުރުމަށް އެދުމަށް ފެންނަކަމަށް ވެސް އިމްތިޔާޒް ވިދާޅުވެފައިވެއެވެ.

އެ ހުށަހެޅުއްވުމަށް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެއްވެސް މެމްބަރަކު އިއުތިރާޒު ނުކުރައްވާތީ އެކަން ވަނީ އިއްތިފާގުން ފާސް ވެފައެވެ.

ބިލަށް ކޮމެންޓް ހޯދާނެ ފަރާތްތައް ކަނޑައެޅުމާއެކު ބިލުގެ މަސަައްކަތް ކޮމިޓީން ނިންމާނެ ތާރީހަކީ މި މަހުގެ 23 ވަނަ ދުވަސް ކަމަށް ވެސް އެކޮމިޓީންވަނީ ރޭ ނިންމާފައެވެ.

މި ބިލަށް އިސްލާމިކް މިނިސްޓްރީގެ ލަފާ ހޯދާފައި ނުވާކަން މިއަދު ހާމަވެފައިވާއިރު، މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އަދާލަތު ޕާޓީއާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ޕާޓީން ވެސް ވަނީ ދޮގުކޮށްފައެވެ.

އެގޮތުން އެ ޕާޓީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ބިލަކީ އަދާލަތު ޕާޓީއާ މަޝްވަރާ ކުރުމަށް ފަހު ހުށަހެޅި ބިލެއް ކަމުގައި އެމްޑީޕީގެ ބައެއް މެމްބަރުން އިއްޔެ ވިދާޅުވެފައިވާ ކަމަށާއި އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

އަދާލަތު ޕާޓީގެ ޓްވީޓުގައި އިތުރަށް ބުނެފައި ވަނީ ގާނޫނުލް އުގޫބާތަށް މާއްދާއެއް އިތުރު ކުރަން ހުށަހަޅައިފައިވާ ބިލު މަޖިލީހަށް ހުށަހެޅުމުގައި އެ ޕާޓީއާ އެއްވެސް ސިފައެއްގައި މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ.

ސެކިޔުލަރ ވިސްނުން އިތުރަށް ފުޅާކޮށް ފެތުރޭނެ ކަމަށް ގިނަ މީހުން ޤަބޫލުކުރާ މި ބިލު މިހާރު މަޝްހޫރު ވެފައިވަނީ "ހިސާނު ބިލު" ގެ ގޮތުގައެވެ. މި ބިލާ ގުޅިގެން އަދާލަތު ޕާޓީން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދީނާ ގުޅުން ހުރި ކަންކަމުގައި ދީނީ އިލްމުވެރިންނާއި ދީނީ ޖަމިއްޔާތަކުން ބަސް ބުނުމުގެ ފުރުސަތު ގެއްލިގެންދާ ގޮތަށް އަޅައި ކޮންމެ ފިޔަވަޅަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ. އަދި އެ ބިލު މަޖިލީހަށް ހުށަހަޅައިފައި އޮތް ގޮތުން މުޖުމަތައުގެ ހަމަޖެހުން ގާއިމު ކުރަން ކުރާ މަސައްކަތަށް ހުރަސް އެޅޭނެ ކަމުގައި ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހިސާނުގެ ބިލަށް "ނޫނެކޭ" ބުނި ޕާޓީތަކުގެ ތެރޭގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ ވެސް ހިމެނެއެވެ.

ޖޭޕީން މި މަހުގެ 5ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅޭގޮތަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުށަހެޅުއްވި ބިލަށް ވޯޓު ދީފި ނަމަ އެ ވެވެނީ މަޖިލީހުގެ މެންބަރުން ކޮށްގެން ތިބި ހުވަޔާ ޚިލާފު ކަމަށެވެ.

މީގެ އިތުރުން އެ ބިލު ފާސްކުރަން އުޅެނީ ވަކި ބަޔަކަށް ހިމާޔަތް ހޯދައިދިނުމަށް ކަމަށާއި ހިސާންގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައި އޮތް ގޮތަށް، އެ މަފްހޫމުގައި ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި ނަމަ، ރައްޔިތުންގެ މަޖިލީހާއި އަދި އެ ނޫން ވެސް ތަންތަނުގައި ﷲ ތައާލާގެ މަޝްރަތަށާއި އެކަލާނގެ ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަދައްކާ ހަދާ މީހުންނަށް އެ ހުޅުވައިދެވުނީ އެކަން ކުރުމުގެ ގާނޫނީ ދޮރެއް ކަމުގައި ދެކޭ ކަމަށް ވެސް ޖޭޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި، ﷲ ތަޢާލާގެ ހަޒްރަތަށާއި އެކަލާނގެ ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް މިހާރު ހެދިފައި ހުރި ގާނޫނު ތަކުގައި ބުނެ ދީފައި އޮތް ނަމަވެސް އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު ނާޅާކަން ޖޭޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!