ޚަބަރު

ބަލިތަކުން ސަލާމަތްވުމަށް ދުއާ ކުރުމަށް އިސްކަމެއް ދީ: ހުތުބާ

ދެން އެމްވީ ، ދެން އޮންލައިން

ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށް މާތްﷲގެ ޙަޟްރަތުގައި ދުއާ ދެންނެވުމަށް އިސްކަން ދިނުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.

Ads by Sosun Fihaara

ބަލިހާލަތު މެދުވެރިވުމުގެ ސަބަބާއި މުސްލިމުން އަމަލުތައް ބަހައްޓަންވީ ގޮތަށް އަލި އަޅުވާލައި މިއަދު އިއްވި ޚުޠުބާގައި ވަނީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ރާއްޖެއިން ފެނިފައިވާ ހިމަބިހި ބަލިން ރައްކާތެރިވުމަށް ދީނީ ނަޒަރަކުންނާއި ސިއްހީ ނަޒަރަކުން ކުރެވިދާނެ ކަންކަން ފާހަގަ ކޮށްފައެވެ.

ބައެއް ގައުމުތަކުން ފެނިފައިވާ ނުރައްކާތެރި ކޮރޯނާ ވައިރަސް މިހާރު ދަނީ ވަރަށް ހަލުވި ގޮތެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން ކަމަށް ވުމާއެކު އަދި ރާއްޖެ އަކީ ގިނަ މެހެމާނުން ޒިޔާރަތްކުރާ މަންޒިލަކަށްވުމުން އެ ބަލި ރާއްޖެއިން ވެސް ފެނިދާނެ ކަމަށްޓަކައި ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ހުތުބާގައި ސަމާލުކަން ދީފައިވެއެވެ.

"ދުނިޔޭގެ ސިއްހީ ޖަމިއްޔާ ޖަމާއަތްތަކުން އެންމެ ބޮޑަށް އިލްތިމާސް ކުރަމުން ދަނީ އެ ބައްޔެއް ފެތުރިފައިވާ ގައުމަކަށް ނުވަތަ ތަނަކަށް ދަތުރުފަތުރު ނުކުރުމަށެވެ. އަދި އެ ބައްޔެއްގެ ޝިކާރައަކަަށް ވެފައިވާ ބަޔަކަށް ފަރުވާ ދިނުމަށްޓަކައި އެހެން މީހުންނާ ވަކިވާނޭހެން ވަކި ތަނެއްގައި ބޭތިއްބުމަށެވެ. އާދޭހެވެ! މިޒަމާނުގެ ބަހުން ނަމަ ކަރަންޓީނުގެ އުސޫލަށް ތަބާވުމަށެވެ." ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައި ވަނީ ކަރަންޓީނު އުސޫލަކީ މީގެ ސާދަސަތޭކަ އަހަރު ކުރިން އިސްލާމް ދީން އެކަމަކަށް ބާރުއަޅައި ގޮވާލާފައިވާ ވަރުގަދަ އުސޫލެއް ކަމަށެވެ.

ވާންހުރި ކަމެއް ވާނެ ނޫންހޭ ބުނެ ސަބަބުތަކުގައި ނުހިފާ ދޫކޮށްލުމަކީ އިސްލާމީ ޝަރީއަތާއި ހިލާފު ކަމެއް ކަމަށާއި ކަރަންޓީނު އުސޫލަކީ ގަޟާދަރަށް އީމާންވުމާ ފުށޫއަރާ ކަމެއް ނޫން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

ރާއްޖެއިން އެއްކޮށް ނައްތާލާފައިވާ ހިމަބިހި ރާއްޖެއިން ފެނިފައިވުމާއެކު އެ ބަލިން ރައްކާތެެރިވުމަށް އަސްބާބުތަކުގައި ހިފައި، ބޭސްފަރުވާކުރުމަށާއި ސިއްހީގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިސްލާމް ދީނުގައި އަންގަވާފައިވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"އިސްލާމްދީން އަޅުގަނޑުމެނަށް އަންގަނީ ބަލިވެއްޖެ ނަމަ ބޭސް ފަރުވާ ކުރުމަށެވެ. މީގެ އިތުރުން ސާފުތާހިރުކަމަށް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭން ޖެހެއެވެ. އެގޮތުން ކެއުމުގެ ކުރިން އަތް ދޮވުމާއި ކެއްސާ ކިނބިހި އަޅާއިރު އަނގަމަތީގައި އަތްއެޅުން ފަދަ އިސްލާމީ އަދި ސިއްހީ އަދަބުތަކަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. އަދި މަގުމައްޗަށް ކުޅުޖެހުމާއި އަރިދަފުސް ފޮޅުން ފަދަ ހަޑިހުތުރު އާދަތަކުން އެއްކިބާ ވާން ޖެހޭނެއެވެ." ހުތުބާގައި ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!