ޚަބަރު

އިސްކަން ދޭންވީ ރައްޔިތުންނާއި ފަތުރުވެރިންގެ ސަލާމަތަށް: ރައީސް

ދެން އެމްވީ ، ދެން އޮންލައިން

ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ދިވެހި ރައްޔިތުންނާއި ގައުމަށް ޒިޔާރަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ރައީސް ސޯލިހް މިހެން ވިދާޅުވީ ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުން ފިލުވުމަށް ބައެއް ވަޒީރުންނާއި ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީންނާއިއެކު މުލިއާގޭގައި މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ދިވެހި ރައްޔިތުންނާއި ރާއްޖެއަށް ޒިޔާރާތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ. އަދި ރައްކާތެރިކަމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް ވަގުތުން ވަގުތަށް އަޅުއްވަމުން ގެންދެވުމަށް ކަމާއިބެހޭ އިދާރާތަކަށް ރައީސް ވަނީ އިރުޝާދު ދެއްވާފައެވެ.

ޗައިނާއާއި މި ވައިރަސްގެ އަސަރު ފެނިފައިވާ އެހެނިހެން ގައުމުތަކުގައި ދިރިއުޅެމުންދާ ދިވެހީންގެ ހާލަތު އޮޅުންފިލުއްވައި، ރައީސް ވަނީ އެ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައުލޫމާތު ސާފު ކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!