ޚަބަރު

ވައިރަހަށް ޝައްކު ކުރެވުނު ޒުވާނާގެ ހާލު ރަނގަޅު: އަމީން

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވުނު ދިވެހި މީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

Ads by STELCO

މި ވައިރަހަށް ޝައްކު ކުރެވިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އެކަހެރިކޮށް ފަރުވާ ދެމުން އަންނަނީ ޗައިނާ އިން ރާއްޖެ އައި 20 އަހަރުގެ ޒުވާނަކަށެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ އެ ޒުވާނުގެ ހާލަތު މިހާރު ރަނގަޅު ކަމަށާއި އެގޮތުން އެންމެ ފުރަތަމަ އޭނާގެ ގައިން ފެންނަން ހުރި އަލާމާތްތައް މިހާރު ފެންނަން ނެތް ކަމަށެވެ.

“ސަސްޕެކްޓް ކުރެވުނު މީހާގެ ހާލަތު ރަނގަޅު. އެންމެ ފުރަތަމަ ސަސްޕެކްޓް ކުރެވިގެން ގެންދިޔައިރު ފާހަގަވި އަލާމަތްތައް މިވަގުތަކު ފެންނާކަށް ނެތް. އެންމެ ފަހުން އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާގެ ހާލަތު ރަނގަޅު.”

އަމީން ވިދާޅުވި ގޮތުގައި އެ ޒުވާނާގެ ޓެސްޓުތަކުގެ ސާމްޕަލް މިރޭގެ ވަގުތެއްގައި އިންޑިއާގެ ޕޫނޭ އަށް ފޯރާނެ ކަމަށެވެ. އެހެންކަމުން އޭގެ ނަތީޖާ މާދަމާގެ ވަގުތެއްގައި ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 20 އަހަރުގެ ޒުވާނާގެ ފަހުންވެެސް އިތުރު ދެ މީހަކު އެކަހެރި ކޮށްފައިވާއިރު އެ މީހުންގެ ހާލަތުވެސް ރަނގަޅު ކަމަށެވެ. އަދި އައިސޮލޭޓް ކުރެވުނުއިރު ފެންނަން ހުރި އަލާމަތްތައްވެސް މިހާރު ފެންނަން ނެތް ކަމަަށެވެ.

އައިސޮލޭޓް ކުރެވުނު ތިން މީހުންނަކީވެސް ޗައިނާއިން އައި ދިވެހިންނެވެ. ފަހުން އައިސޮލޭޓް ކުރި ދެ މީހުން ފުނަދޫއަށް ގެންދިޔައީ ވައިރަހުގެ އަސަރު ނުކުރާކަން ޔަގީން ކުރުމަށްޓަކައެެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!