ޚަބަރު

ވޯޓު ފޮށިތައް އަންދާލުމަކުން ގޯހެއް ނެތް، އެއީ ޖޯޝުގައި ކުރި ކަމެއް: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށް އިއްޔެ ބޭއްވި ޕްރައިމަރީގައި، ގއ. އަތޮޅުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން ވޯޓު ފޮށިތައް އަންދާލީ ޖޯޝްގަދަވެގެން ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕްރައިމަރީއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ވޯޓު ފޮށިތައް އަންދާލީ ވެސް އަދި ވޯޓު ފޮށިތައް އަންދާލުމަށް ހުރަސް އަޅަމުންދިޔައީ ވެސް އެމަނިކުފާނު ދަންނަ މީހުން ކަމަށާއި އެފަދަ ކަންކަނެއް ހިނގާފައިވަނީ އެކަމުގެ ޖޯޝުގައި ކަމަށެވެ.

"އެއީ އެކަމުގެ ޖޯޝުގައި ވެދިޔަ ކަމެއް. އެކަމުގައި ހިމެނުނު ހުރިހާ ބޭފުޅުންނާ ވާހަކަދެއްކިން. އަދި އިއްޔެ ޕާޓީގެ ފަރާތުން ވެސް އެ ބޭފުޅުންނާ ވާހަކަދައްކާފައިވަނީ. މިހެން ދަންނަވާއިރު ވެސް، ދެން ބާއްވާއިރު ވެސް އެ ބޭފުޅުންގެ ޖޯޝު ހަމަ ހުންނާނެ" ނަޝީދު ވިދާޅުވިއެވެ.

ރައްކާތެރިކަމެއް ނެތި ވޯޓު ފޮށިތައް އަންދާލުމަކީ އެދޭ ކަމެއް ނޫން ކަމަށާއި ވޯޓު ފޮށީތައް އަންދާލުމާއި ވޯޓު ކަރުދާސް އަންދާލުމަކީ ކަމާގުޅޭ އޮފިޝަލުންގެ މަސައްކަތެއްގެ ގޮތުގައި ބެހެއްޓުމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިއަކު ގޯހެއް ނެތް. އަޅުގަނޑު ދެކޭގޮތުގައި އިންތިހާބުތައް ހިނގަމުންދާއިރުގައި މިބާވަތުގެ ނޭދެވޭ އަމަލު ފެނޭ. ދެން އެ ނުފެންނަ ގޮތަކަށް ދުނިޔެ ހިންގުމުން އަޅުގަނޑުމެންނަށް މި ފެންނަނީ ވަރަށް ބޮޑު އޮބެހެއްޓުމެއް، ހިފެހެއްޓުމެއް ގެނެސްގެނޭ މި ބާވަތުގެ ކަންކަން އެއްގޮތަކަށް ވެސް ނުފެންނަ ގޮތަށް ކަންކަން ހިންގޭނީ. ދެން އެއީ އެމްޑީޕީ އެދޭ ގޮތެއް ނޫން" ނަޝީދު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!