ޚަބަރު

މިހާތަނަށް 11،000 ފަތުރުވެރިންގެ ބުކިން ކެންސަލްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއާއެކު ރާއްޖެ އަންނަ ބުކިން ހަދާފައި އޮތް 11،000 ފަތުރުވެރިންގެ ބުކިން ކެންސަލް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖެ އައުމަށް ބުކިންސް ހަދާފައިވާ ފަތުރުވެރިންގެ ތެރެއިން 11،000 ވުރެ ގިނަ މީހުންގެ ދަތުރު ކެންސަލްކޮށްފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ މަހުގެ 26 ފެށިގެން މިއަދުގެ ނިޔަލަށް މުޅިން އާ 24،000 ބްކިން ލިބިފައިވާ ކަމަށެވެ.

"26 ޖެނުއަރީން ފެށިގެން މިއަދާ ހަމައަށް ސްޓެޓިސްކަލީ މިދަނީ ބަލަމުން ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ ކެންސަލޭޝަން. އެގޮތުން މިހާރު ގާތްގަނޑަކަށް 11،115 ކެންސަލޭޝަން އެބައޮތް މި ދެންނެވި ޕީރިއަޑްގެ ތެރޭގައި. އެއީ ޖެނެއަރީ 26 އިން ފެށިގެން ދޭއް ފެބްރުއަރީއާ ހަމައަށް. ނަމަވެސް އަޅުގަނޑު ފާހަގަކޮށްލަން ހަމަ އެ ޕީރިއަޑްގެ ތެރޭގައި ޖުމްލަ އައު 24،790 ބްކިންސް އެބައޮތް." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭއިން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި ރިސޯޓްތަކުގައި ވެސް ފަރުވާ ދެވޭނެ ރަނގަޅު ނިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފަރުވާ ދެވޭނެ ގޮތަށް ތިން ރިސޯޓެއް ފިޔަވައި އެހެން ހުރިހާ ރިސޯޓްތަކެއްގައި އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ. އެ ތިން ރިސޯޓްގައި ވެސް ފަރުވާ ދެވޭނެ އެންމެ ރަނގަޅު އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!