ޚަބަރު

ފުރަތަމަ ހަ މަހު ހައި ކޯޓަށް ގިނައިން ހުށަހަޅައިފައި ވަނީ މަދަނީ މައްސަލަ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ހައި ކޯޓ/ ފޮޓޯ: ސަން

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހައި ކޯޓަށް 354 މައްސަލަ ހުށަހަޅައިފައިވާ ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by MWSC

ހައި ކޯޓުން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ތެރޭގައި އެންމެ ގިނަ މައްސަލަ ހުށަހަޅައިފައި ވަނީ މެއި މަހުގައެވެ. އެ މަހުގައި 76 މައްސަލަ އެ ކޯޓަށް ހުށަހަޅައިފައިވެއެވެ.

ފުރަތަމަ ހަ މަސް ދުވަހު ރެޖިސްޓަރ ކޮށްފައި ވަނީ 250 މައްސަލަ ކަމަށާއި އަދި ބަލައިގަނެފައި ނުވަނީ 117 މައްސަލަ ކަމަށް ވެސް ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 357 މައްސަލަ ހައިކޯޓުން ނިންމައިފައިވާ ކަމަށް ވެސް އެ ކޯޓުގެ ހިސާބުތަކުން ދައްކައެވެ. އެންމެ ގިނަ މައްސަލަ ނިންމައިފައި ވަނީ މާރިޗު މަހުއެވެ. އެ މަހުގައި 100 މައްސަލައެއް ވަނީ ނިންމައިފައެވެ.

ފުރަތަމަ ހަ މަސް ދުވަހު އެންމެ ގިނައިން ރެޖިސްޓްރީ ކޮށްފައިވަނީ މަދަނީ އަދި ޖިނާއީ މައްސަލަތަކެވެ. އެގޮތުން 81 މަދަނީ މައްސަލައާއި 73 ޖިނާއީ މައްސަލަ ރެޖިސްޓްރީ ކޮށްފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ހައި ކޯޓުން އެންމެ ގިނައިން ނިންމައިފައި ވަނީ ވެސް މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކެވެ. އެގޮތުން މަދަނީ މައްސަލައިގެ 178 މައްސަލައާއި 110 ޖިނާއީ މައްސަލަ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ހައި ކޯޓުން ނިންމައިފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!