ހަސަން އިސްމާއިލްގެ މައްސަލާގައި ފިޔަވަޅު އަޅައިފިން: ރައީސް އޮފީސް
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއީލް އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލާގައި ފިޔަވަޅު އަޅާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ހަސަން އިސްމާއީލް ޖިންސީ ފުރައްސާރަކޮށްފައި ވަނީ ދަ އެޑިޝަން އޮންލައިންގެ ނޫސްވެރިއެއް ކަމަށްވާ އާމިނަތު ރާއިޢާ މުނައްވަރަށެވެ.
ރާއިއާ ފޮނުވި ސިޓީއެއްގެ ޖަވާބުގައި ރައީސް އޮފީހުން ބުނެފައި ވަނީ ރާއިޢާގެ ސިޓީގައި ބަޔާންކޮށްފައިވާ މައްސަލާގައި އެ އޮފީހުން އަޅަންޖެހޭ ފިޔަވަޅު މިހާރު ވާނީ އަޅާފައި ކަމަށެވެ. އަދި އެ އޮފީހުގެ މުވައްޒަފެއްގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނައިތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަން ފާހަގަކުރައްވާ ކަމަށް ވެސް އެ ސިޓީގައިވެއެވެ. ނަމަވެސް އެޅި ފިޔަވަޅެއް އެ ސިޓީގައި ބަޔާންކޮށްފައެއްނުވެއެވެ.
ހަސަން އިސްމާއީލް ރާއިޢާ ކައިރީ ބުނެފައި ވަނީ ރާއިޢާ ވެސް ކުރިއަރަން ބޭނުންނަމަ ޖެހޭނީ އޭނައާ އެކު ރިސޯޓަށް ގޮސް މަޖާކޮށްލަން ކަމަށެވެ. އަދި އެގޮތަށް އޯޕަން މައިންޑަކާއެކު ރާއިޢާ އޭނައާ އެކު އުޅޭނަމަ ރާއިޢާގެ ބައްޕަ ޑރ. މުހައްމަދު މުނައްވަރަށް އެމެރިކާގެ އެމްބެސެޑަރުކަން ދޭނެ ކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން ރާއިޢާގެ ކޮށްކޮގެ ކިޔެވުމަށް އެހީ ލިބޭނެ ކަމަށާއި އަދި ބަލިކޮށްކޮއަށް ރަނގަޅު ފަރުވާ ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް ރާއިޢާ ވަނީ އެ ހުށަހެޅުމަށް އިންކާރުކޮށްފައެވެ.
އެވަރުން ނުވެގެން މިހާރު ނޫހުގެ ހިއްސާދާރެއް ކަމަށްވާ ވާހިލް ޒާހިރު ހުސައިނަށް ގުޅައި މިހާރު ނޫހަށްދޭ ސްޕޮންސަރ ތައް ކަނޑާލެވިދާނެ ކަމަށާއި އެހެން ނޫނީ ތިތާއުޅޭ ރާއިޢާ އޭނާ ބުނާ ވޯކްޝޮޕެއްގައި ބައިވެރިކުރުމަށް ހަސަން އިސްމާއިލް އެދުނެވެ.