ޚަބަރު

ޗައިނާއިން މީހުން ރާއްޖެ އެތެރެވުން މަނާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ހަލުވި މިނެއްގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާއިން މީހުން ރާއްޖެއަށް އެތެރެވުން ސަރުކާރުން މަނާކޮށްފިއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިރޭ ދަންވަރު 12:00 އިން ފެށިގެން ޗައިނާއިން އަންނަ އެއްވެސް މީހަކު ރާއްޖެ ވަނުމުގެ ހުއްދަ ނުދޭން ދިވެހި ސަރުކާރުން މިވަގުތަށް ނިންމާފައިވާ ކަމަށެވެ.

އެ ނިންމުން ނިންމެވީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކަން ފާހަގަކުރައްވާ މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، އެއީ ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ.

ޗައިނާގެ ރައްޔިތުންނާއި ޗައިނާއަށް ގޮސް އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭނެ ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ނަމަވެސް މި މަނާވުން ޗައިނާގައި މިހާރު ތިބި ދިވެހިންނަށް ނޯންނާނެ ކަމަށެވެ.

ޗައިނާގެ ވޫހާންގައި ތިބި ހަތް ދިވެހިން މިއަދު ވަނީ އިންޑިއާއަށް ބަދަލުކޮށްފައެވެ. އެމީހުން ރާއްޖެ ގެންނާނީ އެ ގައުމުގައި ކަރަންޓީނުކޮށްފައި ބޭއްތިއްބުމަށްފަހުއެވެ.

ކޮރޯނާވައިރަހާ ގުޅިގެން، ރާއްޖެ-ޗައިނާގެ ސީދާ ފްލައިޓްތައް މިދިޔަ ހަފުތާގައި ވަނީ ހުއްޓާލައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!