ފިހާރައެއްގެ ތެރޭ 16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި
އުތުރުގެ ރަށެއްގައި ފިހާރައެއްގެ ތެރޭ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ އުތުރުގެ ރަށެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ފިހާރައެއްގެ ސޭޓަކަށް އިންދާ، އެ ފިހާރައަށް އައި މީހެއް އެ އަންހެން ކުއްޖާއާ މެދު ޖިންސީ ގޯނާކުރި މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިއަދުގެ ހަވީރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އިޒްމިއާ ވިދާޅުވިއެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އިޒްމިއާ ވިދާޅުވީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ވަރަށް ސީރިއަސް ގޮތެއްގައި ބަލަމުންދާ ކަމަށެވެ.