ޚަބަރު

ރަށްތައް ގިރަނީ ތިމާވެށީގެ ހާއްސަ ހާލަތެއްގެ ސަބަބުން: މިނިސްޓަރު

ދެން އެމްވީ ، ދެން އޮންލައިން

އެހެން އަހަރުތަކާއި ހިލާފަށް މި އަހަރު އާދަޔާ ހިލާފަށް ރަށް ގިރަމުން ދަނީ "އިންޑިއަން އޯޝަން ޑައިޕޯލް (އައިއޯޑީ)" ގެ ސަބަބުން ކަމަށް އެންވައިރުމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއަން އޯސަން ޑައިޕޯލް ނުވަތަ އިންޑިއަން ނިނޯ އަކީ މޫދު ލޮނުގަނޑުގެ ފިނި ހޫނުމިން، އިންޑިއާ ކަނޑުގެ ހުޅަނގު ބިތަށް ވުރެން ދަށްވެ ނުވަތަ މަތިވުމުން މޫސުމަށް އަންނަ ބަދަލުތަކެކެވެ.

އެންވައިރުމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ރަށް ގިރުން އިތުރުވެފައިވާ ކަމަށެވެ. އަދި އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

"މީހުން އުޅޭ ރަށް ރަށޭ އެއްގޮތަށް މީހުން ނޫޅޭ ރަށް ރަށުގައި ވެސް ރަށް ގިރުމުންދަނީ. ނަމަވެސް ބަނދަރު ހަދާފައި ހުރި ރަށްތަކުގައި ރަށް ގިރާވަރު އިތުރު." މިނިސްޓަރު ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓާ ޒައްމަތު ހަލީލް ވިދާޅުވީ މޫސުމަށް ދިމާވެފައިވާ ހާލަތު ބަދަލުވުމުން ރަށްތަކުން ގިރާލި ވެލިގަނޑު އަނބުރާ އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި މިހާލަތު ދިމާވީ ފަސް ވަރަކަށް ފަހަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ އަށް އަހަރުގެ ތެރޭގައި 79 ރަށަކުން ރަށްގިރާ މައްސަލަ ހުށަހަޅާފައިވާއިރު މިފަހަރު ރަށް ގިރައިގެން 20 ރަށުން ހުށަހެޅި ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!