ވިހެއުމުން ޗުއްޓީ ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރަން ހުށަހަޅަނީ
ވިހެއުމުން ޗުއްޓީ ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރަން ކަމާ ގުޅޭ އިދާރާތަކުގައި ދެންނެވުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރުންނަށް ދެވޭ ޗުއްޓީގެ ތެރޭގައި ވިހެއުމާ ގުޅިގެން އަންހެންނަށް ދެވޭ 6 މަސް ދުވަހުގެ ޗުއްޓީއާއި އަނބިމީހާ ވިހެއުމާ ގުޅިގެން ފިރިހެނުންނަށް ދެވޭ އެއް މަސްދުވަހުގެ ޗުއްޓީ ފަނޑިޔާރުންގެ ގާނޫނުގައި ހިމެނުމަށް ބަންޑާރަ ނާއިބާއި ރައްޔިތުންގެ މަޖިލީހުގައި އެދުމަށް އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީ އިތުރަށް ބުނީ ކޯޓުތަކަށް ހުށަހެޅިފައިވާ ގިނަ މައްސަލަތަކެއް ލަސްވާ ކަމުގެ ޝަކުވާ ކޮމިޝަނަށް ހުށަހެޅުމުންދާތީ ކޯޓު ތަކުގައި ހިނގަމުންދާ މައްސަލަތައް އަވަސްކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށްވެސް މިއަދު ނިންމާފައިވާ ކަމަށެވެ. އެގޮތުން ޝަރީއަތެއް ބޭއްވިފައި ނުވާތާ އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް ދެނެގަނެ އެ މައްސަލަތަކާއި އަދަދުތައް އަދި ތަފްސީލްތައް ހޯދުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި ދެންނެވުމަށް ކޮމިޝަންގެ މިއަދު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ.
ވިހެއުމާ ގުޅިގެން އަންހެން ބޭފުޅުންނަށް ހަމަސް ދުވަހުގެ ޗުއްޓީ ދިނުމާއި އަނބިމީހާ ވިހެއުމާ ގުޅިގެން ފިރިހެން ބޭފުޅުންނަށް އެއްމަސް ދުވަހުގެ ޗުއްޓީއެއް ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.
ރައީސްގެ ވައުދު ފުއްދެވުމުގެ ގޮތުން މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ސަރުކާރުން ގެންދަނީ މި ޗުއްޓީ ހަމަޖައްސައިދެމުންނެވެ.