ދިވެހިން ބޭނުންވާ ތަރައްގީ ފެންނާނީ މިފަދަ ވިސްނުންތައް ތަހުޒީބު ކުރި ދުވަހަކުން!
އަޅުގަނޑުމެން އެންމެން ވެސް ބޭނުންވަނީ ތަރައްގީއެވެ. ތަރައްގީގެ ރޮނގުން ސިންގަޕޫރާއި ޔޫއޭއީގެ ދުބާއީ ފަދަ ތަންތަނާއި އަޅުވާ ސިންގަޕޫރާއި އެއް ފެންވަރަކަށް ތަރައްގީ ކުރުމަށެވެ. ހިތް އަރާ އާސްމާނުގައި އޮންނައިރު، ވިސްނުން ހުރީ އަދިވެސަ އެންމެ ކުރީގެ މަގޫފަތް ކައި އުޅުނު ޒަމާނުގައެވެ. ގައުމަށް އުމްރާނީ ގޮތުން ކިތަންމެ ތަރައްގީއެއްވެސް ގެނެވިދާނެއެވެ. އެހެނަސް، ރައްޔިތުންގެ ވިސްނުން ތަހްޒީބު ނުވަންޏާ ކުރާނީ ވަކި ކީއްހެއްޔެވެ.
ރާއްޖޭގެ ސިޔާސީ ދަނޑުގައި އަބަދުވެސް ދެކެވެނީ ތަރައްގީގެ ވާހަކައެވެ. 25 ބުރީގެ ބޮޑެތި ބިޔަ އިމާރާތްތަކާއި އެއާޕޯޓްތަކާއި ފުޓްސަލް ދަނޑުތައް އަޅައިފިއެވެ. ކިތަންމެ ރަށެއްގައި ޒަމާނީ ފެންވަރަށް މަގު ހަދައިފިއެވެ. އެހެންނަމަވެސް، ގައުމަށް ގެންނަ އުމްރާނީ ތަރައްގީއާއި އެއްވަރަކަށް ގައުމުގައި ދިރިއުޅޭ އަފްރާދުންގެ ވިސްނުން ތަހްޒީބު ނުވާ ހިނދަކު ހަގީގީ ތަރައްގީގެ ނަލަނަލަ ކުލަތަކެއް ނުފެންނާނެއެވެ.
ރަށުގެ މަގުތަކުގައި ކިތަންމެ ރީތިކޮށް ތާރު އަޅާފައި އޮތަސް އަރިދަފުސް ފޮޅަންވީ މަގުމައްޗަށެވެ. ދުފާލާފައި ކުޅުގަނޑު ޖަހަންވީ މަގުމައްޗަށެވެ. ބައެއް މީހުންގެ އަމަލުތައް މިފަދަ ގޮތަކަށް ހުންނައިރު، ކީއްކުރަން އަޅާ ތާރެއް ހެއްޔެވެ؟ ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދުކޮށްގެން ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީ ކުރަނީ ބައެއް މީހުން ކުޅު ޖަހާ ހަޑިކުރަންތޯއެވެ؟ އެހެންވިއްޔާ ބޮޑު ހަރަދު ކޮށްގެން ތާރު އެޅުމުގެ ބޭނުމެއް ނެތެއް ނޫންތޯއެވެ.
އަޑަށް ބާރުލާފައި ގޮވަނީ މި ބިމަކީ ދުނިޔޭގައިވާ ސުވަރުގެ ކަމަށެވެ. ފަހުރުވެރިކަމާއެކު މި ދައްކަނީ މިގައުމުގެ ގުދުރަތީ ރީތި ކަމުގެ ވާހަަކައެވެ. އެހުރިހާ ވާހަކައެއް ދައްކާފައި ގޮސް ވެސް ކުނި އަޅަނީ ފަރަށާއި މަގުމައްޗަށާއި ގޮނޑުދޮށަށެވެ. ފަރުދީ ޒިންމާ އަދާ ކުރަނީ ވަކި ބައެކެވެ. ވެރިރަށް މާލޭގެ ބައެއް ސަރަހައްދުތަކުގެ މަގުތަކުން ހިނގާފައި ދާއިރު ނޯއްދަމާލަން ނުކުރެއެވެ. ކޮންމެ ރެޔަކު ވެމްކޯގެ މުވައްޒަފުން ނިކުމެ މަގުތައް ސާފުކުރިޔަސް ބައެއް މީހުން ކުރާކަމަކީ ކުނިކޮތަޅުތަކުގެ ޖަގަހައަކީ މަގުތަކަށް ހެދުމެވެ.
ބުލީ ނުވަތަ ހަނގާކުރުން މިވަނީ ނުރައްކާތެރި ދަރަޖައަކަށް މި ކުޑަ ކުޑަ މުޖުތަމައުގައިވެސް އާއްމުވެގެން ގޮސްފައެވެ. މަގުތަކާއި އޮފީސް މާހައުލުގައި ވެސް ހިނގާ ހަނގާގެ ވާހަކަތަކަކީ އަބަދުމެ އިވޭ އަޑުތަކެވެ. ނަމަވެސް ހިތާމައަކީ މިކަމަށް ނިމުމެއް ނެތުމެވެ. ވިސްނާލަން ޖެހޭ ކަމަކީ ހަނގާކުރުމަކީ ނުރައްކާތެރިކަން ބޮޑު ހާލަތަކަށް ވާސިލްކުރާ ފަދަ ނުބައި ނާތަހުޒީބު އަމަލެއްކަމުގައި ވުމެވެ.
މުޖުތަމަޢުގެ ހާލަތަކީ މިއީއެވެ. ދީނަށް ފުރައްސާރަކުރުމާއި ދޮގު ވާހަކަ ފެތުރުމެވެ. މިހުރިހާ ކަމަކުން އަންގައިދެނީ ތަރައްގީގެ ފޮނި މީރުކަން ލިބޭނީ އަހަރެމެންގެ އަމަލުތައްވެސް އިސްލާހުކޮށްގެން ކަމެވެ. ތަރައްގީގެ ރީތި ކުލަތައް ވެސް ފެނިގެންދާނީ އަޅުގަނޑުމެންގެ ވިސްނުން ތަހްޒީބު ކޮށްގެން ކަމެވެ. ރީތި ސާފުތާހިރު ދިރިއުޅުމެއް އުޅެން ދަސްކޮށްގެންނެވެ. ބޭނުންވާ ތަރައްގީ ގެނައުމަށްޓަކައި ފުރަތަމަ ޖެހޭނީ ވިސްނުން ތަހުޒީބު ކުރާށެވެ.