ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން އުސޫލުތަކާ ޚިލާފުވާ ނަމަ ފިޔަވަޅު އަޅާނެ
އެއްރަށުން އަނެއްރަށަށް ދަތުރުކުރާ ފަރާތްތަކުން އެޗްޕީއޭއިން ކަނޑައަޅައިފައިވާ އުސޫލުތަކާ ޚިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.
ފުލުހުން ވިދާޅުވީ އެޗްޕީއޭގެ އުސޫލާ ޚިލާފަށް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ޝަކުވާއެއް ލިބިއްޖެ ނަމަ އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި އަޅައިފައިވާ ފިޔަވަޅުތަކަށް ލުއި ދީފައިވާއިރު މިހާރު އޮތް ގޮތުން ރާއްޖެތެރޭގައި ކޮވިޑު ނެތް ރަށްރަށުގެ މެދުގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން އެއްވެސް ހުރަހެއް ނެތެވެ. އެހެން ނަމަވެސް ކޮވިޑާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ރަށްރަށަށް ދިޔުން މަނަލެވެ. އަތޮޅުތެރޭގައި މި ވަގުތު ވެސް 21 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.
ކޮވިޑް-19އާ ގުޅިގެން ސަރުކާރުން މިހާރު ކަނޑައަޅައިފައިވާ އުސޫލުތަކުގައި ވާގޮތުން ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމަށް ފަހު، ނައްސި ޕީސީއާރު ޓެސްޓާއެކު ކަރަންޓީނުވާން ނުޖެހޭގޮތަށް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެއެވެ.
އަދި ކޮވިޑް-19އަށް ފައްސިވާތާ 60 ދުވަސް ނުވާ މީހުންނަށް ވެސް ކަަރަންޓީނު ވުމެއް ނެތި، ރަށްރަށަށް ދަތުރު ކުރެވޭނެއެވެ. މީގެ އިތުރުން ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުޑަކުދިންނަށް ވެސް 72 ގަޑިއިރު ނުވާ ނައްސި ނަތީޖާއަކާ އެކު ކަރަންޓީނުވުމެއް ނެތި ރަށްރަށަށް ދެވޭގޮތަށް ވަނީ ހުއްދަ ދީފައެވެ.