ކުޑަކުއްޖާ ރޭޕްކުރި މައްސަލައިގައި ދައުލަތުގެ އިދާރާތައް އިހުމާލުވޭ: ރައީސް
ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް މަގުފަހިވެގެން ދިޔަ އެންމެ ބޮޑު ސަބަބަކީ ދައުލަތުގެ އިދާރާތައް އެކަމުގައި އިހުމާލުވެފައި އޮތުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ އެކުއްޖާއަށް އެންމެ އިތުބާރު ކުރެވޭ މަގާމުގައި ތިބި ބަޔަކު، ލާއިންސާނީ ގޮތެއްގައި ޖިންސީ ގޯނާކުރުމަށް މަގުފަހިކުރި އެންމެ ބޮޑު ސަބަބަކީ ތުހުމަތުކުރެވޭ ބައެއް މީހުންނާ، އަދުލު އިންސާފު އަރައި ހަމަނުކުރުން ކަމަށެވެ.
"އެކަމަށް މަގުފަހިކުރި އެންމެ ބޮޑު ސަބަބަކީ، ތުހުމަތުކުރެވޭ ބައެއް މީހުންނާ، ޢަދުލު އިންޞާފު އަރައި ހަމަނުކުރުން. އަދި ދައުލަތުގެ ބައެއް އިދާރާތަކުން އިހުމާލުވުން. ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން، ދަޢުވާކުރަން ފޮނުވި މައްސަލަތަކުގެ ތެރެއިން، 2012 ވަނަ އަހަރުން ފެށިގެން ކޯޓަށް ހުށަހަޅާފައި ހުރި މައްސަލަވެސް ނުނިމި އެބަހުރި،" ރައީސް ވިދާޅުވިއެވެ.
ޝަރުޢީ ކޯޓުތަކާއި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އިހުމާލުގެ ސަބަބުން، މިފަދަ މައްސަލަތައް ނުނިމި ދިގުލައިގެންދާ ކޮންމެ ހިނދުކޮޅަކީ، ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަނެ، އެކުދިންނަށް ގޯނާކުރާ ފަރާތްތަކަށް ލިބޭ ހިތްވަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް މިމަހު 20 ގައި ޢަމަލުކުރަން ފެށުމުން، ޖިންސީ ގޯނާތަކާއި އިހުމާލުވުމުގެ މައްސަލަތަކުން ކުދިން ރައްކާތެރިކުރުމުގެ މަސައްކަތް، މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ. މިދެންނެވި ޤާނޫނު އަޅުގަނޑުމެން މި ފާސްކުރީ، ކުރީގެ ސަރުކާރުތަކުން މި ޤާނޫނު ފާސްކުރުމުގެ ވާހަކަ ދައްކާތާ، ދިގު 28 އަހަރަށް ފަހުގައިކަން އަޅުގަނޑު މިއަދު ފާހަގަކޮށްލަން،" ރައީސް ވިދާޅުވިއެވެ.
ދަރިންގެ އުފަންދުވަހުގެ ސެޓްފިކެޓް ނުހައްދައި، ވެކްސިން ނުޖަހައި އަދި ދަރިން ސްކޫލަށް ނުފޮނުވައި ގެންގުޅުމަކީ، މިހާރު ތަޞްދީޤުކޮށްފައި އޮތް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ބަލާއިރުވެސް، މައިންބަފައިންނަށް އޮތް އިޚްތިޔާރެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެފަދަ ކުދިން ތިބިތޯ ބަލައި، އެކުދިންނަށް ވެކްސިން ދީ، ސްކޫލަށް ފޮނުވުމުގެ ކަންތައް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.
ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އެކުއްޖާގެ ކާފަ އާއި މުނިކާފަ ވަނީ ހައްޔަރުކޮށްފައެވެ. އަދި ކުއްޖާއާމެދު އިހުމާލުވި ކަމުގެ ތުހުމަތުގައި އެކުއްޖާގެ ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.