ހިޔާ މަޝްރޫއުގެ ފްލެޓްތައް މިއަހަރުގެ ތެރޭގައި ހައްގުވެރިންނާ ހަވާލުކުރާނަން: ރައީސް
ހިޔާ މަޝްރޫއުގެ ފްލެޓްތައް މިއަހަރުގެ ތެރޭގައި ހައްގުވެރިންނާ ހަވާލުކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުއްވާދެއްވާ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަބުރުވެރި ދިރިއުޅުމަކަށް ބޭނުންވާ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުންކަމަށެވެ. މި މައްސަލައަށް ހައްލު ހޯދައިދީ ދެފުށް ފެންނަ އިންސާފުވެރި ނިޒާމަކުން ރައްޔިތުން ގެދޮރުވެރި ކޮށްދޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއުގެ 17،189 މިހާތަނަށް ސްކްރީން ކޮށްފައިވާކަމަށެވެ.
އަތްފޯރާފަށުގެ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ، 20،000 ވުރެ ގިނަ އާއިލާ ހަމައެކަނި މާލެ ސަރަހައްދުގައި ވެސް އެބަތިބިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ހިޔާ މަޝްރޫއަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް ފަސް ކެޓަގަރީއެއްގެ މަސައްކަތް ނިމި، ފްލެޓް ހައްގުވާ މީހުންގެ ލިސްޓް އިއުލާންކުރުމަށް ތައްޔާރުވެފައިވާކަން ރައީސް ވިދަޅުވިއެވެ.
"ހިޔާ މަޝްރޫއުގެ 17189 ފޯމެއް މިހާތަނަށް ސްކްރީންކުރެވި، ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ޙާލަތު ބެލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުން. މިހާތަނަށް މުޅި ޖުމްލަ، 5 ކެޓަގަރީއެއްގެ މަސައްކަތް ނިމި، ފްލެޓް ޙައްޤުވާ މީހުންގެ ލިސްޓްތައް ޢިއުލާންކުރުމަށް ވަނީ ތައްޔާރުވެފައި. ހިޔާ މަޝްރޫއުގެ 7000 ފްލެޓް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ޙައްޤުވެރިންނާ ޙަވާލުކުރެވޭނެ." ރައީސް ސޯލިހު ވިދާޅުވިއެވެ.
ހިޔާ މަޝްރޫއުގެ އިތުރުން މާލޭ ރަށްވެހިންނަށް ހުޅުމާލޭގައި ހެދުމަށް މި ސަރުކާރުން ނިންމި ފުރަތަމަ 4000 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް، މިއަހަރުގެ ތެރޭގައި ފެށޭނެކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ. އަދި ވެށިފަހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަމެއް ހަމަނުޖެހި ތިބި ހުރިހާ އެންމެނަށްވެސް، އެމީހުންނާއި ސަރުކާރާ ދެމެދު އެއްބަސްވެފައި އޮތް ގޮތަށް، މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެކަންވެސް ރައީސް ހާމަކުރެއްވިއެވެ.