ޚަބަރު

މި އަހަރު ތެރޭ އިތުރު ޖަލެއް އަޅަނީ

ޖާގައިގެ މައްސަލަ ހައްލުކުރަން މި އަހަރުގެ ތެރޭގައި އިތުރު ޖަލެއް އެޅުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވާ ދެއްވުމަށްފަހު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ގައިދީން އިސްލާހުކޮށް އަނބުރާ މުޖްތަމައަށް ގެނެވޭނެ ހަރުދަނާ ނިޒާމެއް ނެތުމުގެ އިތުރުން، ޖަލުތައް ތޮއްޖެހިފައި އޮތުމަކީ، އިޖްތިމާއީ ހަމަޖެހުމާއި ސުލްހައަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެން ނަމަވެސް ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް މި ސަރުކާރުން މިހާތަނަށް ގިނަ ކަންކަން ކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

"މާފުށީ ޖަލުގެ ގިނަ ޔުނިޓްތައް ހުރި ގޮތުން، ކަސްރަތުކުރުމުގެ ފުރުސަތު ގައިދީންނަށް ނުލިބޭތީ، މިހާރުވަނީ އިތުރު ޔާޑެއް އަޅައިދެވިފައި. މީގެއިތުރުން، ގައިދީންނަށް ދޭ އާއިލީ ބައްދަލުވުމުގެ ވަގުތު، ދެ ގަޑިއިރަށް ބަދަލުކޮށް، އެކަހެރި ބައްދަލުވުންތައް 24 ގަޑިއިރަށް ވަނީ ބަދަލުކުރެވިފައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ، ޑްރަގުގެ ވަބާގައި ޖެހިފައިވާ ގައިދީންނާއި ޖަލުގައި ތިބޭ ގައިދީން ރިހެބްލިޓޭޓް ކުރުމަށް އިތުރު ސެންޓަރުތަކެއް ގާއިމްކުރުމަށް ނިންމަވާފައިވާކަންވެސް އިއުލާން ކުރައްވާފައެވެ.

ރިޔާސީ ބަޔާނުގައި ރައީސް މިހެން ވިދާޅުވެފައިވާއިރު މިދިޔަ އަހަރުގެ ފަހުކޮޅުގައި ޖަލުގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި، ގައިދީންނަށް އަނިޔާކުރާ މައްސަަލަ ފެންމަތިވެފައެވެ. އެމައްސަލަ އިންތިހާއަށް ހޫނުވެ، އޭރުގެ ކޮމިޝަނަރ އޮފް ޕްރިޒަންގެ މަގާމުގައި ހުންނެވި އަބްދުﷲ މުނާޒަށް ގިނަ ބަޔަކު އިނގިލި ދިއްކުރަން ފެށުމާއި އެކު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!