ޚަބަރު

ހަނގުރާމައިން އަންނަ މީހުން ރިހިބިލިޓޭޓް ކުރާ ސެންޓަރުގެ މަސައްކަތް ނިމިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ހަނގުރާމަތަކަށް ގޮސްފައި އަންނަ މީހުން ރި ހިބިލިޓޭޓް ކުރުމަށް ކ. ހިންމަފުށީގައި ގާއިމްކުރާ ޑީ-ރެޑިކަލައިޒޭޝަން އެންޑް ރީހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ނިމިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވައި ދެއްވާ ރިޔާސީ ބަޔާން އިއްވައި ދެއްވަމުން ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުގައި ކުރާ ޓެރަރިސްޓް ހަނގުރާމަތަކަށް، ނުވަތަ އެފަދަ ސަރަހައްދުތަކަށް ދިޔުމަށް ފަހު އެނބުރި އަންނަ މީހުން، އިސްލާހުކޮށް މުޖްތަމައަށް ގެނައުމަށްޓަކައި ގާއިމުކުރާ، ނޭޝަނަލް ރީ އިންޓެގްރޭޝަން ސެންޓަރުގެ އިމާރާތް ނިމިފައިވާ ކަމަށެވެ.

ރައީސް މިއަދު ވިދާޅުވީ ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރު ފެތުރުމާއި، ދީނާ ހިލާފު ހިޔާލު ފާޅުކުރުމަކީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި ރާއްޖޭގައި އެކަން ފެތުރިފައިވާ މިންވަރު ސަރުކާރުން އާންމުކޮށް، އެކަމާ ދެކޮޅަށް މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއީ އެތައް އަހަރެއްގެ ފުނަށް މޫލާފައި އޮތް ދެ މައްސަލަ ކަމަށެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އެކަން ހައްލުނުވެ އޮތީ، އެއީ ނުހިނގާ ކަމެއްކަމަށް ހަދައި، އޭރުގެ ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ނުދީ އޮތުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އެކަންކަން ހައްލުކުރުމަށް ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރެވޭނޭހެން، ގައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި، ތަންފީޒުކޮށް މޮނިޓާ ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!