ހަވީރު 3އިން 6އާ ދެމެދު ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

ހަވީރު 3އިން ފެށިގެން ރޭގަނޑު 6އާ ދެމެދު މާލެއާއި ހުޅުމާލެއިން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ)އިން ވިދާޅުވެއްޖެއެވެ.
މިއަދު ސްޓެލްކޯއިން ވިދާޅުވީ، ގްރޭޓާމާލެ ގްރިޑް ޓެސްޓު ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި މިއަދު ހަވީރު 15:00 އާއި 18:00އާ ދެމެދު މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ ކަމަށެވެ.
މާލެއާއި، ހުޅުމާލޭގެ އިންޖީނުގެ މިހާރު ވަނީ ގްރޭޓާ މާލެ ގްރިޑް މެދުވެރިކޮށް ކާމިޔާބުކަމާ އެކު ސިންކްރޮނައިޒް ކުރެވިފައެވެ. މިހާރު މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކަރަންޓު ފޯރުކޮށްދެވޭނެއެވެ. ގްރޭޓާ މާލެ ގްރިޑް ޕްރޮޖެކްޓަކީ މިހާތަނަށް ރާއްޖޭގެ ހަކަތައިގެ ސިނާއަތުގައި ހިންގޭ މިފަދަ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ. މިހާރު ކުރިޔަށްދަނީ މިމަޝްރޫއުގެ އެންމެ ފަހުގެ މަސައްކަތެވެ.