15 އަހަރުގެ ކުއްޖަކަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި
އުތުރުގެ ރަށެއްގައި، އެކި ފަހަރު މަތިން ފުރާވަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ 35 އަހަރުގެ ފިރިހެން މީހާ، 15 އަހަރުގެ ކުޑަކުއްޖާއަށް މިދިޔަ އަހަރުން ފެށިގެން ވަނީ ޖިންސީ ގޯނާކޮށްފަ ކަމަށެވެ. ނަމަވެސް ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ ފިރިހެން މީހާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވަނީ މިއަދެވެ. އެ މީހާއަކީ އެ ކުއްޖާއާ ކިހާ ގާތްކަމެއް ހުރި މީހެއް ކަމެއް ފުލުހުން ނުބުނެ އެވެ.
މެދު ރާއްޖެތެރޭގެ ރަށެއްގައި، 55 އަހަރުގެ ދިވެހި ފިރިހެނަކު އޭނާގެ ދެ ދޮންދަރިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް، މިދިޔަ ހޮނިހިރު ދުވަހު ހުށަހަޅާފައިވާއިރު ފުލުހުން ދަނީ އެ މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ރިޕޯޓުކުރާ މައްސަލަތައް މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.