ޚަބަރު

ބާލިޣުވެފައިވާ ކުދިންނަށް އިމާމުވެ ނަމާދު ކުރެވޭނެ، ކުދިން ކުރީ ސަފުން ބޭލުމަކީ ކޮށްގެންވާނެ ކަމެއް ނޫން: ޝަހީމް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު / ފޮޓޯ: ދެން އިމޭޖްސް

ނަމާދުގެ ޙުކުމްތައް ދަންނަ ޝަރުޢީ ގޮތުން ބާލިޢުވެފައިވާ 13-15 އަހަރުގެ ކުދިންނަށް އިމާމުވެ ނަމާދު ކުރުމަކީ ދީނީ ގޮތުން މައްސަލައެއް ނޫން ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޑރ.ޝަހީމް މިހެން ވިދާޅުވެފައި ވަނީ ކުޑަކުދިން ލައްވައި އިމާމްވެ ނަމާދު ނުކުރުމަށް މިސްކިތްތަކުގެ އިމާމުންނަށް އިސްލާމިކް މިނިސްޓަރ މިއަދު އަންގަވައިފައިވަނިކޮށެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރީތިކޮށް ޤުރުއާން ކިޔަވާ ހިތުދަސް ކުދިންނަށް ފުރުސަތު ދިނުމަކީ އެމަނިކުފާނަށް ފެންނަ ގޮތުގައި ރަނގަޅު ކަމެއް ކަމަށެވެ. އަދި ރީތިކޮށް ޤުރުއާން ކިޔަވާ، ޤުރުއާން ހިތުދަސް ކުދިންނަށް އިމާމުވެ ނަމާދު ކުރުމުގެ ފުރުސަތު އެއްކޮށް ބަންދު ވެގެން ނުވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމްގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ، އިމާމުކަމަކީ ރަސްމީ ވަކި ފާހެއް އޮންނަން ޖެހޭ ބަޔަކަށްވި ނަމަވެސް، އިސްލާމީ ރީތި އުސޫލަކީ އެކުދިންނަށް ވެސް ފުރުސަތު ދިނުން ކަމަށެވެ. އަދި ޑރ.ޝަހީމް ތުއްޕުޅުއިރު މިސްކިތުން އެމަނިކުފާނަށް އިމާމުކަން ހަވާލު ކުރައްވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ އާދަކާދައިގެ ތެރެއިން ކުރީ ސަފުން ކުޑަކުދިން ބޭލުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޝަހީމް ވަނީ އެގޮތަށް އެކަން ނުކުރުމަށް އިލްތިމާސް ކުރައްވައިފައެވެ. މިގޮތުން ވިދާޅުވީ ކުރީ ސަފަކީ ވަކި މީހެއްގެ ޖާގައެއް ނޫން ކަމަށާއި ކުޑަކުއްޖަކު ކުރީ ސަފުގައި އިށީނދެއްޖެ ނަމަ އެހިސާބުން އެޖާގައަކީ އެކުއްޖާގެ ޖާގައެއް ކަމަށެވެ.

"ކުރީ ސަފުގެ ޖާގަތަކަކީ އެތަނުގައި ކުރިން އިންނަ މީހެއްގެ ޙައްޤެއް. ކުޑަ ކުއްޖަކު ކުރިން ގޮސް އިށީނދެއްޖެ ނަމަ ބޭރު ނުކުރެވޭނެ. ޚާއްސަކޮށް 7 އަހަރުގެ ކުދިން. ކުޑަކުދިން މިސްކިތަށް ލޯބި ޖެއްސުމާއި މިސްކިތުން އެކުދިން ބަލައިގަންނަކަން އެކުދިންނަށް އިޙްސާސްވާން ޖެހޭނެ. ސުންނަތަކީ ކުޑަކުދިންނަށް މިސްކިތުން ލޯތްބާއި އިޙްތިރާމް ދިނުން. އެ ކުދިން ޖަމާޢަތުގެ ބައިވެރިންކަމުގެ އިޙްސާސް ވުން." ޝަހީމްގެ ޓްވީޓްގައި ވިދާޅުވިއެވެ.

Ads by Allied Insurance
  1. އަޙްމަދް

    ބާލިޣުވެފާއިވާ ކުޑަކުދިން ލައްވާ އިމާމުވެ ނަމާދު ކުރުވިދާނެ އެވެ
    އެހެނަސް އެފަދަ ކުއްޖަކީ ނަމާދުގެ ޝަރުޠު ތަކާ ވާޖިބުތަށް ދަައްނަ ތަޖްވީދުގެ ހަމަތަކާއެއްގޮތަށް ޤުރްއާން ކިޔަވަން ދައްނަ ކުއްޖަކަށް ވާންޖެހޭނެ އެވެ.

  2. ސިޔާޙު

    ކުދިންގެ މައިންބަފައިން އެކުދިންނަށް މިސްކިތުގެ ކުރީ ސަފު ދުވަސްވީ މީހުނަށާއި ބޮޑަތި މީހުނަށް ދޫކުރުމުގެ ރިވެތި ސިފަ ދަސްކޮށްދޭނެ ޖެހޭ. މައްސަލަޔަކަށް ވަނީ އެކުދިން ކުރީ ސަފުން ފައިބަން ބުނަންޖެހޭތީ. އެހެން މިވަނީ މިސްކިތުގައި ކަންތައް ކުރަންޖެހޭގޮތް އެކުދިންނަށް ދަސްކޮށްދީފައި ނުހުންނާނީ. ކުއްޖާ މިސްކިތަށް ފޮނުވާލުުމަކުން އަދި މައިންބަފައިންގެ ޒިންމާ ކެނޑުނީކީ ނޫން. މިސްކިތުގެވެސް އަދަބުތަކެއް ހުރޭ. އެކުދިންނަށް މިކަންކަން މައިންބަފައިންވެސް އަދި ސްލޫލް ތަކުންވެސް ކިޔައިދެނީކީނޫން. އެހެންވީމަ މުޖުތަމަޢުގައި މިފަދަ އެތައް މައްސަލައެއް މި ދިމާވަނީ.

    • ޒިޔާން

      ކުރީ ސަފަކީ ބޮޑެތި މީހުން ނުވަތަ ދުވަސްވީ މީހުނަށް ހާއްސަ ސަފެއް ނޫން. ކުޑަކުއްޖަކަސް އަދި ބޮޑު މީހަކަސް އަވަހަށް މިސްކިތަށް ގޮސް ކުރީސަފައަށް އަރާ މީހަކަށް ސަފުން ޖާގަ ހައްގު ވާނީ. އަވަހަށް މިސްކިތަށް ގޮސް ކުރީ ސަފުން ޖާގަ ހޯދާ ކުޑަ ކުއްޖާ، އެޖާގަ ބޮޑު މީހަކަށް ދޭކަށް ނުޖެހޭ. އަދި އެގޮތަށް ޖާގަ ދިނުން އެއީ ރިވެތި އާދައެއް ނޫން.