މަޖިލީހުގެ އިދިކޮޅު ލީޑަރަކީ އަޅުގަނޑު: ޖާބިރު
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ލީޑަރަކީ އޭނާ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ލީޑަރަކީ ކޮބައިކަން އެނގިވަޑައިނުގަންނަވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ.
ޓީވީ ޕްރޮގްރާމެއްގައި މިރޭ ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ މަޖިލީހުގެ އިދިކޮޅު ލީޑަރަކީ އޭނާކަން މަޖިލީހުގެ ރައީސަށް މީގެކުރިން ވެސް އަންގާފައިވާނެ ކަމަށާއި މަޖިލީހުގެ ރައީސްގެ އެކަން ގަބޫލު ކުރުމާއި ނުކުރުން އެއީ އޭނާގެ މައްސަލައެއް ނޫން ކަމަށެވެ.
"އަޅުގަނޑަކީ މިއީ އިދިކޮޅު ލީޑަރު. ދެން ގާސިމަކަށް އިދިކޮޅު ލީޑަރަކަށް ނުވެވޭނެތާ. ގާސިމަކީ މި ކޯލިޝަނުގެ ޕާޓްނަރެއް. ދެން މި އޮންނަނީ ޔާމީން ޕާޓީ، ކިހިނެއް އިދިކޮޅު ޕާޓީއަކަށް ވާނީ؟ އެހެންވީމަ އަޅުގަނޑުތާ އިދިކޮޅު ލީޑަރެެއްގެ ދައުރު މިދިޔަ ދައުރުގެ ދުވަސްތަކުގައި ވެސް މަސައްކަތް ކުރީ" ޖާބިރު ވިދާޅުވިއެވެ.
އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ އަށް ނިސްބަތްވާ ފަސް މެމްބަރުން މަޖިލީހުގައި ތިއްބެވި ނަމަވެސް އެ ބޭފުޅުން އެންމެ ރަނގަޅަށް ހަރަކާތްތެރިވެ ވަޑައިނުގަންނަވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. އެގޮތުން އިދިކޮޅުގެ ދައުރަކީ ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވާ ފަރާތް ކަމަށާއި އެކަންކަން އަދާކުރައްވަނީ އޭނާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
"އަޅުގަނޑަކީ އިދިކޮޅު ލީޑަރު. އަޅުގަނޑުމެންގެ ޕާޓީއަށް ކޮންމެހެން މެމްބަރުން ގިނަ ނުކުރި ނަމަވެސް، އަޅުގަނޑު އެކަނި ވެސް މަސައްކަތް ކުރަންޏާ އެ ނިމުނީތާ" ޖާބިރު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވި ރިޔާސީ ބަޔާނަށް އިޝާރާތް ކުރައްވަމުންދާ ޖާބިރު ވިދާޅުވީ އެއީ ވަރަށް ފުރިހަމަ ރިޔާސީ ބަޔާނެއް ކަމަށާއި އެގޮތުން މިއަދަކީ ބަރުލަމާނީ ތާރީހުގައި މިދިޔަ 14 ވަރަކަށް އަހަރު ދުވަސްތެރޭ ވެސް ރައީސަކު އެންމެ ސާފުކޮށް ބަޔާން ދެއްވި ދުވަސް ކަމަށެވެ.