ޚަބަރު

މާލޭ ސިޓީ ކައުންސިލުން “އަތަމަނަ" ނަމުގައި ހަފްތާ މަޖައްލާއެއް ނެރެނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މާލެ ސިޓީ ކައުންސިލްގެ އިދާރާއިން "އަތަމަނަ" ގެ ނަމުގައި ހަފުތާއަކު އެއްފަހަރު މަޖައްލާއެއް ނެރުމުގެ މަސައްކަތް ފަށައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވިދާޅުވީ އެ އިދާރާއިން "އަތަމަނަ" ނަމުގައި ހަފުތާއަކު އެއް ފަހަރު ޚަބަރު ސިޓީ އަދި މަޖައްލާއެއް ނެރުމަށް ބޭނުންވާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޯގަސްޓު މަހުގެ 11 ވަނަ ދުވަހުގެ 11 ޖަހާއިރު އެކައުންސިލުގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން އަގު ހުށައެޅުމަށް އެކައުންސިލުން އެދެއެވެ. އެ އިއުލާނުގައި ބުނެފައިވާގޮތުގައި ގަޑިޖެހުމުގެ ފަހުން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެއެވެ.
މީގެ އިތުރުން މާލޭ ދެކުނު ފަރާތުގައި މަސް ކަނޑާނެ ތަނެއް ހެދުމާއި ފެނުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ވެސް އެ ކައުންސިލުން ވަނީ އިއުލާނުކޮށްފައެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި ޕާކުތަކާއި މައިޒާންތަކުގައި ހުރި ފައުންޓެއިންތަކާއި ޕަމްޕްތައް އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށާއި މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ތައާރަފްކުރާ މީޓަރ ޕާކިންގ ސިސްޓަމް ހޯދައި އެބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ވެސް އެކައުންސިލުން ވަނީ އިއްޔެ އިއުލާން ކޮށްފައެވެ. މީގެ ތެރެއިން ޕާކިން މީޓަރު ބެހެއްޓުމަކީ މާލޭގައި މުޅިން އަލަށް ފަށާ ކަމެއްކަން ވެސް ފާހަގަކޮށްލެވެއެވެ.

Ads by STELCO
Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!