ޕީޕީއެމްގެ ޕްރައިމަރީއަށް އީސީން ވޯޓު ފޮށި ދޫކޮށްފި
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިދިކޮޅު ޕީޕީއެމުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ބޭނުން ކުރުމަށް އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ވޯޓު ފޮށިތައް އެ ޕާޓީއަށް ދޫކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އީސީގެ މުދާ ބޭނުން ކޮށްގެން ކަމަށާއި އެއީ ދައުލަތުގެ މުދާ ކަމުން އެކަން އެ ގޮތަށް ވެގެން ނުވާނެ ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ވަނީ ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނީ އެމްޑީޕީން ބޭއްވި ޕްރައިމަރީއަށް އެ ކޮމިޝަނުން ވޯޓު ފޮށި ދޫކޮށްފައިވާ ކަމަށެވެ. އަދި އެހެން ސިޔާސީ ޕާޓީތަކުން ވެސް އެ ޕާޓީތަކުގެ ޕްރައިމަރީއަށް ވޯޓު ފޮށި ދޫކޮށްދޭން އެދުމުން ދޫކޮށްދޭނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަހުމަދު އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލް އިންތިހާބަށް ޕީޕީއެމުން ބާއްވާ ޕްރައިމަރީގައި ބޭނުން ކުރުމަށް ޕީޕީއެމަށް ވޯޓް ފޮށިތަކެއް ރޭ ދޫކޮށްފައިވާ ކަމަށެވެ.
"ސިޔާސީ މަންފާ ހޯދުމަށް ބުހުތާނު ދޮގު ހެދުމުން ފިތުނަ ނޫން ކަމެއް ނުވާނެ، އަޅުގަނޑުމެން ޕާޓީތައް ތަފާތެއް ނުކުރާނެ." އަކްރާމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ އީސީން އަދި އޭނާ ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކޮމިޝަންގެ އެއްވެސް މެންބަރަކު ވަކި ސިޔާސީ ޕާޓީއަކަށް ވަކި ގޮތެއް ހޯދައި ނުދޭނެ ކަމަށެވެ.
ޕީޕީއެމްގެ ޕްރައިމަރީ އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.