ޔާމީންގެ އިސްތިއުނާފު ޝަރީއަތުގެ ދެވަނަ އަޑުއެހުން ބުރާސްފަތި ދުވަހު
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފް ޝަރީއަތުގެ ދެވަނަ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފިއެވެ.
ހައިކޯޓުގައި އޮންނަ އިސްތިއުނާފް ޝަރީއަތުގެ ދެވަނަ އަޑުއެހުން ފަށާނީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:55 ގައެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ބޭއްވި އިސްތިއުނާފް ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ މަނިކުފާނު ތަހުގީގަށް ހައްޔަރު ކޮށްފައި ބެހެއްޓި އެއްމަސް ދުވަހުގެ ތެރޭގައި ނަފްސާނީ މައްސަލަތަކާއި ހިތުގެ މައްސަލައެއް ކުރިމަތިވި ކަމަށެވެ.
އޭގެ އިތުރުން އެމަނިކުފާނުގެ މައިބަދައިގެ ކަށިގަނޑެއް ގުޑާފައިވާ ކަމަށާއި އެ އޮޕަރޭޝަން ވެސް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އެ އޮޕަރޭޝަން ކުރައްވަން ވެސް ބޭނުންފުޅު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެން ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ބޭސް ފަރުވާ ކުރެއްވުމަށް ހުކުމް ތަންފީޒު ކުރެއްވުން ފަސްކޮށް ދެއްވައި ކަފާލާތުގެ ދަށުން ދޫކޮށްދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި އެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެވެ.