ޖަރުމަނު ޝެންގެން ވިސާއަށް ވަގުތީ ކްލިނިކެއް ހުޅުވައިފި
ޖަރުމަނީ ޝެންގެން ވިސާ ދޫކުރާ ވަގުތީ ކްލިނިކެއް ފޮރިން މިނިސްޓްރީގައި ހުޅުވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ހުޅުވި އެ މޮބައިލް ބަޔޯމެޓްރިކް ކްލިނިކަކީ އެމްއެމްޕީއާރުސީއާއި ދިވެހި ސަރުކާރުގެ އެހީއާއެކު ރާއްޖޭގައި ހުންނަ ޖަރމަނީގެ އެމްބަސީއިން ހުޅުވި ކްލިނިކެކެއް ކަމަށެވެ.
މިއީ ރާއްޖޭގައި ޝެންގެން ވިސާ އެޕްލިކޭޝަން ހިދުމަތް ދޭ ދެވަނަ ފަހަރެވެ. ފޮރިން މިނިސްޓްރީން ބުނީ މި ކްލިނިކުން ޝެންގެން ވިސާއަށް އެދި 162 މީހުން ހުށަހަޅާފައިވާ ކަމަށާއި އެ ކްލިނިކުގެ ހިދުމަތްތައް ފެބްރުއަރީ ހަވަނަ ދުވަހާ ހަމައަށް ދޭގޮތަށް އިތުރުކުރީ ވިސާއަށް އޮތް ޑިމާންޑް ބޮޑު ކަމުން ކަމަށެވެ.
މި ދުވަސްވަރަކީ އަންނަ މާޗް މަހު ޖަރުމަނުގެ ބާލިންގައި ބާއްވާ އައިޓީބީ ފެއާއަށް ދާ ފަރާތްތަކުންވެސް ވިސާއަށް އެދި ހުށަހަޅާ ދުވަސްވަރު ކަމަށްވުމާއެކު މި ކްލިނިކްގެ ސަބަބުން ވިސާ ހޯދުމުގައި ގިނަ ފަރާތްތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ޖަރުމަނަށް ދާން ޝެންގެން ވިސާ ކްލިނިކެއް ވަގުތީ ގޮތުން ހުޅުވިއިރު، އެފަދަ ދާއިމީ ވިސާ ސެންޓަރެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ދެގައުމުގެ ސަރުކާރުން ދަނީ ކުރަމުންނެވެ.