ޚަބަރު

ނަޝީދު ވިދާޅުވަނީ މާލޭގައި ހިނގާފައި އުޅެވޭނެ ކަމަށް!

މާލޭގައި އެއް ތަނުން އަނެއް ދާން ހިނގާފައި ނުވަތަ ބައިސްކަލުގައި އުޅެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ވަނީ
އެއްގަމު އުޅަނދު ފަހަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅުއްވާފަ އެވެ.

އެ ބިލަށް ބަހުސް ކުރުމަށް ހުޅުވާލުމުގެ ކުރިން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މާލޭގައި އެއްތަނުން އަނެއް ތަނަށް ދިއުމަށް އެހާ ގިނަ ކާރު ބޭނުންވަނީ ކީއްވެގެން ކަމެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި މާލޭގައި ހިނގާފައި އެއްތަނުން އަނެއް ތަނަށް ނުދެވެންވީ ކީއްވެގެން ކަމެއްވެސް ނުވިސްނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ހަމައެކަނި ސަބަބެއް ކަމަށް އަޅުގަނޑަށް ފެންނަނީ ފަހަރުގައި ވެދާނެ ޕޭވްމަންޓްގައި ހިނގަން ފަސޭހަ ނުވާތީ ކަމަށް. އެވެސް ދެން ސަބަބެއް ނޫން، ނަމަވެސް އެއީ ސަބަބެއް ކަމަކަށް ގަބޫލެއް ނުކުރަން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ހިނގާފައި އުޅުމަކީ މާލޭގައި ނުރައްކާތެރި ކަމެއް ކަމަށް ބުނާ އަޑު އަހާ ކަމަށެވެ. އެގޮތުން އިމާރާތްތަކުގެ މަތިން އެއްޗެހި ވެއްޓޭ ވާހަކައަކީ އަޑު އަހާ ވާހަކައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް ހުދު އެމަނިކުފާނަކީވެސް ހިންގަވާފައި އުޅޭ ބޭފުޅެއްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެފަދަ އެއްވެސް ކަމެއް އެމަނިކުފާނަށް ކުރިމަތިވެވަޑައި ނުގަންނަވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ މާލޭގެ މަގުތަކުގެ ކާރޫބާރޫ ބޮޑުވުމުގެ މައްސަލައަށް ހައްލު ގެނެވޭނީ ގިނަބަޔަކު ފައިމަގުގައި ނުވަތަ ބައިސްކަލުގައި އުޅެން ފެށުމުން ކަމަށެވެ.

މާލޭގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދެނީ އެ އުޅަނދެއް ބާއްވާނެ ތަނެއް ދެއްކުމުން ކަމަށް ވާއިރު، ގަވާއިދާ އެއްގޮތަށް އަމަލު ކުރާނަމަ، އެތަކެތިމަގުތައް މަތީގައި ހުންނަން ނުޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ބިލުގައިވާ ބައެއް ކަންކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ބިމުގެ ޖާގައަށް ރިއާޔަތްކޮށް އެ ރަށެއްގައި އެއްގަމު އުޅަނދު ގެންގުޅެވޭނެ އަދަދެއް ކަނޑައަޅަން ލާޒިމު ކުރާނެ ކަމަށެވެ. އަދި އެ އަދަދެއް ކަނޑައެޅުމުގައި ބަލާނެ ހަމައެކަނި ކަމަކީ ވެސް ރަށުގެ ބިމުގެ ޖާގަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!