ޚަބަރު

ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށް އާ މިންގަނޑެއް ކަނޑައަޅައިފި

ދެން އެމްވީ ، ދެން އޮންލައިން

ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ މިންގަނޑެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭނުންކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

Ads by Sosun Fihaara

އެމަނިކުފާނު މިކަން މިގޮތަށް ނިންމެވީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގައި މިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިކަމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ ކަރުދާހަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ރާއްޖޭގައި ފަގީރުކަން މިނެކިރަން މިހާރު ބޭނުންކުރާ، އާމްދަނީގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ މިންގަނޑުގެ އިތުރުން ދިރިއުޅުމުގެ ޙާލަތު ވަޒަންކުރާނެ މިންގަނޑެއް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގައި ހުރި ފަރަޤުތައް ނައްތާލުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް ވަޒަންކުރުމުގައި ބޭނުންކުރެވޭ މުހިންމު ޕޮލިސީ ޓޫލްއަކަށް މި އާ މިންގަނޑު ހެދުމަށް ނިންމަވާފައެވެ.

ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ މިންގަނޑަކީ ތަފާތު އެކި ނަޒަރުން (ޞިއްޙީ، ތަޢުލީމީ، ދިރިއުޅުމުގެ ފެންވަރު ފަދަ) ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރެއްގައި ބޭނުންކުރެވެމުންދާ މިންގަނޑެކެވެ. މިއީ މިހާރުވެސް 100 އަށް ވުރެ ގިނަ ޤައުމުން ބޭނުންކުރަމުންދާ މިންގަޑެކެވެ. އަސާސީ ޚިދުމަތްތަކުން މަޙްރޫމްވުމަކީ ފަގީރުކަމަށް މީހުން ހުށަހެޅޭ ކަމެއްގެގޮތުގައި ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ މިންގަނޑުގައި ބެލެވިފައިވެއެވެ.

ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ މިންގަނޑު ގިނަ ޤައުމުތަކުން ބޭނުންކުރަމުން ގެންދަނީ އެޤައުމެއްގެ ޙާލަތު ރަނގަޅަށް ވަޒަންކުރުމުގެ ގޮތުންނެވެ. ޤައުމީ ފެންވަރެއްގައި އެކުލަވައިލައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައިވެސް ޤައުމުތަކުން މި މިންގަނޑު ބޭނުންކުރަމުންދެއެވެ.

ރާއްޖޭގައި ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ މިންގަނޑު އެކުލަވައިލައިފައިވަނީ، އޮކްސްފޯޑް ހިއުމަން ޑިވެލޮޕްމަންޓް އިނީޝިއޭޓިވްއާއި ގުޅިގެން ޔުނިސެފް ރީޖަނަލް އޮފީސް ސައުތު އޭޝިއާ އާއި ޔުނިސެފް މޯލްޑިވްސްގެ އެހީއާއި އެކު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެން.ބީ.އެސް) އިން ކޮށްފައިވާ މަސައްކަތުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!