ޚަބަރު

އެމްބެސެޑަރުކަން ހިޝާނަށް ދިންއިރުވެސް ތުހުމަތުތަކެއް ކުރެވޭކަން ޖެންޑާއަށް އެނގޭ!

ދެން އެމްވީ ، ދެން އޮންލައިން

ހާއްސަ އެހީތެރިކަން ބޭނުންވާ ކުދިންނާއި މީހުންނަށް އެހީވުމުގައި މަޝްހޫރުކަން ލިބި އޮނަރަރީ ޑިސްއެބިލިޓީ އެމްބަސަޑަރުކަމާއި ގައުމީ އިނާމުތައް ތަފާތު އެކި ފަހަރުތައް މަތިން ލިބިގެން ދިޔަ އަހުމަދު ހިޝާނަށް އެ ހުރިހާ އެވޯޑުތަކެއް ދީ އިނާމުތަކެއް ދިނީ އޭނާގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރަމުން ދިޔައިރުކަން ހާމަވެއްޖެއެވެ.

Ads by STELCO

އެކަން ހާމަވެފައި ވަނީ، 19 އަހަރުގެ ފިރިހެނެއްގެ ގާނޫނީ ބެލެނިވެރިކަން ހިޝާނަށް ދެވެން ނެތް ކަމަށް ފެމެލީ ކޯޓުން 2018 ވަނަ އަހަރު ނިންމި ނިންމުން އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.

ހައިކޯޓުގައި ވަނީ ހިޝާން ހުށަހެޅި އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައެވެ. ނަމަވެސް މި މައްސަލައަކަށް ހިޝާނެއް ހާޒިރެއް ނުވެއެވެ. އެހެންކަމުން ހައިކޯޓުން ވަނީ އެ މައްސަލަ ބާތިލްކޮށްފައެވެ. މައްސަލަ ބާތިލްކުރިކަން އިއުލާނުކުރެއްވުމަށް ފަހު، މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި މުހައްމަދު ނިޔާޒް ވިދާޅުވީ މިއަދު ބާއްވަނީ ޝަރީއަތުގެ މަޖިލީހެއް ނޫން ކަމަށާއި އެކަމަކު ސާފުކޮށްދޭންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެފައެވެ.

ފަނޑިޔާރު ނިޔާޒް ވިދާޅުވީ ހިޝާނަށް ބެލެނިވެރިކަން ނުދޭން ފެމިލީ ކޯޓުން ހުކުމް ކުރީ ހިޝާންއާ މެދު ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ކަމަށް ފުލުހުން އިންޓެލިޖެންސުން ދިން މައުލޫމާތާ އެކު ޖެންޑާ މިނިސްޓްރީން އެކުލަވައިލި ރިޕޯޓަކަށް ރިއާޔަތްކޮށްފައި ކަމަށާއި އެކަމަކު، ބެލެނިވެރިކަން ހޯދަން އެދުނު ކުއްޖާ 2018 ވަނަ އަހަރުން ފެށިގެން އަދިވެސް އުޅެނީ ހިޝާންއާ އެކީގައި ކަމަށެވެ.

އެހެންކަމުން ފަނޑިޔާރު ވަނީ ހިޝާނަށް ތުހުމަތުކުރެވޭކަން އެނގޭ އިރު ވެސް ޖެންޑާ މިނިސްޓްރީން އެކަމާ އަޅާނުލީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. މައްސަލާގައި ހިމެނޭ ފަރާތް ހާމަވާނެ އެއްވެސް މައުލޫމާތެއް މީޑިއާގައި ހާމަނުކުރަން ފަނޑިޔާރު ވަނީ ޝަރީއަތަށް ދިޔަ ހުރިހާ ނޫސްވެރިންނަށް ޝަރުތުކޮށްފައެވެ.

ސިކުނޑީގެ އުނިކަމެއް ހުންނަ ނަމަ އުމުރުން 18 އަހަރު ވިޔަސް އަމަލުކުރަން ޖެހޭނީ ކުޑަކުއްޖަކާ މެދު އަމަލުކުރާ އުސޫލުންނެވެ. ނަމަވެސް ފަނޑިޔާރު ނިޔާޒު ވަނީ އެ ހިޝާންގެ ބެލުމުގެ ދަށުގައި ހުރި އެކުއްޖާއާ މެދުވެސް އަމަލު ކުރަންޖެހޭނީ އެ އުސޫލުން ކަމަށެވެ. އެކަމަކު ހިޝާނަށް ސީރިއަސް ތުހުމަތުތަކެއް ކުރެވޭއިރުވެސް އެކަމާއި ޖެންޑާއިން އަޅާނުލީ ކީއްވެގެންތޯ ފަނޑިޔާރު ވަނީ ސުވާލު ކުރައްވާފައެވެ.

ފަނޑިޔާރު ވިދާޅުވި ގޮތުގައި ހިޝާނަށް ގައުމީ އިނާމުތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެމްބެސެޑަރުކަން ދީފައި ވަނީ ވެސް ޖެންޑާގައި، ހިޝާންއާ ބެހޭ ގޮތުން މި ހުރިހާ މައުލޫމާތެއް ހުއްޓާކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެ ހުރިހާ ކަމެއް އެނގި ހުރެމެ އެގޮތަށް ކަން ކުރެއްވީ ކީއްވެގެންތޯ ފަނޑިޔާރު ވަނީ ސުވާލު ކުރައްވާފައެވެ.

ސޯޝަލް މީޑިއާގައި ހިޝާނަށް އަންނަނީ ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އަދި ފުލުހުން ވެސް މިހާރު އަންނަނީ އޭނާގެ މައްސަލައެއް ތަހުގީގު ކުރަމުންނެވެ. ފުލުހުން މައްސަލަ ބަލަން ފެށުމާއެކު ހިޝާންގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!