ޚަބަރު

ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

Ads by MWSC

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މީގެއިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބަށް ކުރިމަތިލާން ވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މި ދެ އިންތިހާބު ވެސް އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.

އަކްރަމް ވިދާޅުވީ މިއަހަރުގެ އިންތިހާބުގައި 6،000 ކެނޑިޑޭޓުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކައުންސިލް އިންތިޚާބުގައި މުޅި ރާއްޖޭގައި 538 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާއިރު، އޭގެ ތެރެއިން 169 ވޯޓުފޮށި ބަހައްޓާނީ މާލޭގައެވެ.

ކައުންސިލް އިންތިހާބަށް އިލެކްޝަނުން ތައްޔާރުވުމުގެ ގޮތުން އެ ކޮމިޝަނުން ވަނީ ފައިނަލް ވޯޓާސް ލިސްޓު އާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައެވެ. އެގޮތުން ވޯޓާސް ލިސްޓަށް 373 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

ވޯޓާސް ލިސްޓުގައިވާ ގޮތުގައި މި ދެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 269،623 އެވެ. އަދި މިދިޔަ އޭޕްރިލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ 264،442 މީހުންނަށެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބުގައި 5181 މީހުން ފުރަތަމަ ފަހަރަށް ވޯޓު ދިނުމުގެ ހައްގު ވަނީ ލިބިފައެވެ.

ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިދިޔަ ހުކުރު ދުވަހު ވަނީ ޕްރައިމަރީ ބާއްވާފައިވާއިރު، އިދިކޮޅު ޕީޕީއެމް އިން ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!