ޚަބަރު

ފުވައްމުލަކުގެ ފަރިކެޑަ ސަރަޙައްދު ހިމާޔަތް ކުރަން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަޙައްދު ހިމާޔަތްކުރުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.

Ads by MWSC

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ ފުވައްމުލަކު ސިޓީ ކައުންސިލުން ހުށަހަޅުއްވާފައިވާ ގޮތަށް ފުވައްމުލަކު ފަރިކެޑަ ސަރަޙައްދު ވަކި މެނޭޖުމަންޓް ޕްލޭނެއްގެ ދަށުން ރައްޔިތުންނަށް އޭގެ މަންފާކުރާގޮތަށް ހިމާޔަތްކުރުމަށެވެ.

ފުވައްމުލަކުގައިވާ ފަރިކެޑެ ސަރަހައްދަކީ އެކި ބާވަތްތަކުގެ މިޔަރު ސާފުވުމަށާއި ވިހެއުމަށް ޖަމާވެ އުޅޭ ސަރަހައްދެކެވެ. މިގޮތުން މި ސަރަހައްދުން އާއްމުކޮށް ފެންނަ މުހިއްމު ދިރުން ތަކުގެ ތަރޭގައި ކަނޑި މިޔަރު,ފާނަ މިޔަރު, އެންމަޑި،އަދި ފެހުރިހި ހިމެނެއެވެ.

މި ދިރުންތަކަކީ ބައިނަލްއަޤްވާމީ ގޮތުން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް ކަމުން މި ފަދަ ދިރުންތައް ސާފުކުރުމަށާއި ވިހައި އާލާވުމަށް ބޭނުންކުރާ މި ސަރަހައްދު ހިމާޔަތްކުރުމަކީ މުހިއްމު ކަމެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ މަތިން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހ،ހދ،ށ އަދި ނ އަތޮޅުގެ) 11 ސަރަޙައްދެއް ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން 15 ޖޫން 2019ގައި ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅުއްވައި ގެޒެޓްކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!