ހިޝާނަށް ފިޔަވަޅު ނޭޅުމުން މަޖިލީހަށް ކުއްލި މައްސަލައެއް
ދަރުމަވެރިޔާ އަހުމަދު ހިސާންއަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭކަން ޖެންޑާ އެނގިތިބެ އޭނާއަށް "އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑާ"ކަން ދިން މައްސަލާގައި ޖެންޑާގެ އިސްވެރިން ފިޔަވަޅު އެޅުމަށް ގޮވާލައި މަޖްލިސްއަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ މިއަދުގެ މަޖްލިސްއަށް ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމުއެވެ.
މައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ ހިޝާންއަށް ގައުމީ އިނާމާއި އެމްބެސަޑަރުކަން ދިން އިރުވެސް އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭކަން ޖެންޑާއަށް އެނގިތިބެ އިހްމާލުވެފައިވާ ކަމަށެވެ.
މީކާއިލް ވަނީ ޖެންޑާ މިނިސްޓަރ ޝިދާތާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މީކާއީލް ހުށަހެޅުއްވި އެ މައްސަލަ ބަލައިގަތުމަށް ފާސްކުރީ މިއަދުގެ ޖަލްސާ އަށް ވަޑައިގެންނެވި 45 މެމްބަރުންގެ ތެރެއިން 41 މެމްބަރުންގެ ވޯޓުންނެވެ.
އޭނާ ހުށަހެޅުއްވި މައްސަލައިގައި ފާހަގަކޮށްފައި ވަނީ މައިގަނޑު ދެ ކަމެކެވެ. އެއީ ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއްް ހިޝާނަށް ކުރެވޭ ކަން އެނގި ތިބެ، އޭނާ އަށް އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން ދިން ދިނުމެވެ. އަނެއް ކަމަކީ 19 އަހަރުގެ ޒުވާނެއްގެ ބެލެނިވެރިކަން ހޯދަން ފެމިލީ ކޯޓުން ނަގައި ނުދިނުމުން ވެސް އޭނާ އެ ޒުވާނާ ގޮވައިގެން އުޅުނު އިރު، އެ ޒުވާނާ ހިމާޔަތް ކުރަން އެއްވެސް ކަމެއް ނުކޮށް އޮތުމެވެ.
"ދުނިޔޭގެ ލަދަށް ޓަކައި ނަމަވެސް މިނިސްޓަރު ޝިދާތާ އިސްތިއުފާ ދެއްވަން އެބަ ޖެހޭ. އިސްތިއުފާ ނުދެއްވައިފި ނަމަ އަޅުގަނޑު އިޚުލާސްްްތެރިކަމާ އެކު މި އިލްތިމާސްކުރަނީ ސަރުކާރަށް ވެސް ޖެންޑާ މިނިސްޓަރު ވަކިކުރައްވަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ޝިދާތާ އިސްތިއުފާ ދޭން ޖެހޭނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވެސް ވަނީ ވިދާޅުވެފައެވެ.