ޝިދާތާ އިސްތިއުފާ ދެއްވުމަށް އެމްޑީޕީ މެމްބަރުން ގޮވާލައިފި
ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާކަން ޖެންޑާ މިނިސްޓްރީއަށް އެނގިތިބެ، އޭނާއަށް އެ މަގާމާއި ގައުމީ އިނާމުތައް ދީފައިވާ މައްސަލައިގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިސްތިއުފާއަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ގޮވާލައްވައިފިއެވެ.
މި މެމްބަރުންގެ ތެރޭގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން ވެސް ހިމެނެއެވެ.
ހިޝާންއާ އެކު ދިރިއުޅެމުން އަންނަ ކުއްޖެއްގެ ބެލެނިވެރިކަން ހޯދުމަށް އޭނާ ކޯޓަށް ވައްދައިގެން އުޅޭ މައްސަލައިގައި ހައިކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހާމަވެފައިވާ ގޮތުގައި ހިޝާންއަށް އެމްބެސެޑަރުކަން ދިންއިރުވެސް، ހިޝާންގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވޭކަން ފުލުހުން ވަނީ ޖެންޑާގެ ސަމާލުކަމަށް ގެނެސްފަ އެވެ.
އެ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެނެސް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ ޝިދާތާ މަޤާމުން އިސްތިއުފާނުދެއްވައިފިނަމަ، މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަޖިލިހުން އޭނާ މަޤާމުން ވަކިކުރަންޖެހޭ ކަމުގައެވެ.
މި މައްސަލައަށް ބަހުސް ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަޠީފު ވިދާޅުވީ އެމްޑީޕީއިން ވަކާލާތު ކުރީ އޯގާތެރި ސަރުކާރަކަށް ކަމަށާއި ނަމަވެސް މިއަދު މި ފެންނަނީ އެ ގޮތް ނޫން ކަމަށެވެ. އަދި މިއީ އެމްޑީޕީގެ މެމްބަރުންނަށް ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އެހެންވެ ވަގުތުން މިނިސްޓަރ އިސްތިއުފާ ދެއްވުމަށް ހަސަން ލަޠީފު ވިދާޅުވިއެވެ.
މައްސަލައަށް ބަހުސް ކުރައްވަމުން، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް ވަނީ ޝިދާތާ އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފައެވެ. އީވާ ވިދާޅުވީ ޝިދާތާއަށް ޒިންމާ އަދާނުކުރެވޭ ކަމަށާއި، އިހުމާލަކަށް ފަހު އިހުމާލެއް ވަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މި މައްސަލާގައި ޝިދާތާގެ އިހުމާލު އޮތްކަން އިރު ފެންނަހާ ސާފުކޮށް އެނގެން އޮތް ކަމަށެވެ. އަދި ކޯލިޝަން ރޫޅާލަން ޖެހުނަސް މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ކޮމިޓީތަކުން މި މައްސަލަ ތަހުގީގުކޮށް ޝިދާތާ ވަކި ކުރަން މަސައްކަތް ފައްޓަވަން ގޮވާލާ ކަމަށް ޝަރީފް ވިދާޅުވި އެވެ.