ކުއްޖާ އަދިވެސް ހުރީ ހިޝާންގެ ބެލުމުގެ ދަށުގައި: ނަޝީދު
ފެމިލީ ކޯޓުން ކުރި ހުކުމާ ހިލާފަށް ނުކުޅެދުންތެރިކަން ހުންނަ 19 އަހަރުގެ ކުއްޖާ އަދިވެސް ހުރީ އަހުމަދު ހިޝާންގެ ބެލުމުގެ ދަށުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާނަށް ސީރިއަސް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ކަން ޖެންޑަ މިނިސްޓްރީ އަށް އެނގި ތިބެ އެ ޒުވާނާ ހިޝާންގެ ބެލުމުގެ ދަށުގައި ބެހެއްޓި މައްސަލައިގައި އެމްޑީޕީގެ ގިނަ މެމްބަރުންގެ ފަރާތުން މިނިސްޓަރު ޝިދާތާ ޝަރީފަށް ބޮޑެތި ފާޑު ކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އަދި ޝިދާތާ ވަގުތުން ވަގުތަށް އިސްތިއުފާ ދެއްވުމަށް ވެސް މެމްބަރުން ގޮވާލެއްވިއެވެ.
ޖިންސީ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ޑިސްއެބިލިޓީ އެމްބެސެޑަރުކަން ހިޝާނަށް ދިން މައްސަލައިގައި މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
ކުއްލި މައްސަލައިގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން އެދިވަޑައިގަތް އެއް ކަމަކީ 19 އަހަރުގެ ޒުވާނާ ހުރި ތަނަކާ މެދުގައެވެ. އެއީ ރައްޔިތުންނަށް މިވަގުތު ކޮންމެހެން ވެސް ސާފުވާން ޖެހޭ ކަމެއްގެ ގޮތުގައި މެމްބަރުން ފާހަގަކުރެއްވިއެވެ.
މެމްބަރުން ކުރިމަތިކުރެއްވި ސުވާލުތަކާ ގުޅިގެން ނަޝީދު ފުރަތަމަ ވިދާޅުވީ އެކަން ބައްލަވާނެ ކަމަށެވެ. އޭގެ ފަހުން، ނަޝީދު ވިދާޅުވީ އެ ޒުވާނާ އަދިވެސް ހުރީ ހިޝާންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
"ހިތާމައާ އެކީ ދަންނަވަން ޖެހެނީ އެ ކުޑަ ކުއްޖާ. ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ކުއްޖާ އެއީ ގާނޫނީ ގޮތުން ކުޑަކުއްޖެއް ގޮތުގައި ބެލެވޭ ކުއްޖެއް. އެކުއްޖާ އަދިވެސް ހުރީ އަހުމަދު ހިޝާން ކައިރީގައި." ނަޝީދު ވިދާޅުވިއެވެ.
ނުކުޅެދޭ ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ހިޝާނަށް ދެވެން ނެތް ކަމަށް ފެމެލީ ކޯޓުން 2018 ވަނަ އަހަރު ވަނީ ހުކުމް ކޮށްފަ އެވެ. ފެމެލީ ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެގޮތަށް ނިންމީ ދައުލަތުން ހިޝާންއާ ގުޅޭ ގޮތުން ހުށަހެޅި އެސެސްމެންޓް ރިޕޯޓަކަށް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ.
އެމައްސަލަ ހިޝާންގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ފާހަގަކޮށްފައިވަނީ ފެމެލީ ކޯޓުން ކުއްޖާގެ ބެލެނިވެރިކަން ހިޝާން އާ ހަވާލުކޮށްދެވެން ނެތް ކަމަށް ހުކުމް ކޮށްފައި ވަނިކޮށް ވެސް، 2018 ވަނަ އަހަރުން ފެށިގެން އެ ޒުވާނާ ހިޝާންގެ ގޭގައި ދިރިއުޅެމުން ދާ ކަމެވެ.