ޚަބަރު

ސަރުކާރަށާއި ރައީސް ސޯލިހަށް ރައްޔިތުންގެ ތާއީދު އެބައޮތް: ދިރާސާ

ދެން އެމްވީ ، ދެން އޮންލައިން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި އެމަނިކުފާނުގެ ސަރުކާރަށް ދިވެހި ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ތާއީދު އޮތްކަން ހިޔާލު ހޯދުމުގެ ދިރާސާއަކުން ދައްކައިފިއެވެ.

Ads by MWSC

އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް(އައިއާރްއައި)ގެ ސެންޓާ ފޯ އިންސްޓިޓިއުޓް އިން ސާވޭ ރިސާޗު (ސީއައިއާރްއެސް)އިން ހިންގި މި ދިރާސާ އަކީ ރާއްޖޭގެ އާއްމުންގެ ހިޔާލު ހޯދުމަށް ކުރެވުނު ދިރާސާއެކެވެ. އެގޮތުން މި ދިރާސާއިން ދައްކާ ގޮތުގައި ހިޔާލު ހޯދި މީހުންގެ 61 އިންސައްތަ މީހުން ރައީސް ސޯލިހަށް ތާއީދު ކުރާ ކަމަށެވެ. އެ ދިރާސާއިން ދައްކަނީ ރައީސްގެ ސަރުކާރަށް ހިޔާލު ހޯދި މީހުންގެ 56 އިންސައްތަ މީހުން ތާއީދު ކުރާ ކަމަށެވެ.

މި ސަރުކާރުގެ އިގްތިސޯދީ ސިޔާސަތަށްވެސް ތާއީދުކުރާ މީހުން މަދެއް ނޫނެވެ. ދިރާސާއިން ދައްކާ ގޮތުގައި އަދި ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުގެ ދަށުން ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށްވެސް ގިނަ ރައްޔިތުން ގަބޫލު ކުރާ ކަމަށްވެސް އެ ދިރާސާއިން ދައްކައެވެ. އެގޮތުން މިހާރުގެ އިގްތިސޯދީ ހާލަތު ވަރަށް ރަނގަޅު ކަމަށް ދިރާސާގައި ހިޔާލު ހޯދި 75 އިންސައްތަ މީހުން ދެކެއެވެ. އަދި 63 އިންސައްތަ މީހުން ތިބީ ކުރިޔަށް އޮތް އަހަރު ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅުވާނެ ކަމަށް ދެކިގެންނެވެ.

މި ދިރާސާއިން ދައްކަނީ ސަރުކާރުގެ އިގްތިސޯދާއި ދޭތެރޭ އާއްމުން ދެކޭ ގޮތް ރަނގަޅުވި ނަމަވެސް ކޮރަޕްޝަނާއި ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން އާއްމުންގެ މެދުގައި ނުތަވަނަސް ކަމެއް އުފެދިފައިވާ ކަމަށެވެ. މި ދިރާސާއިން ދައްކަނީ ރައްޔިތުންގެ އާއްމު ދިރިއުޅުމަށް ކޮރަޕްޝަންގެ ސަބަބުން އަސަރު ނުކުރާ ކަމަށް 62 އިންސައްތައެވެ. ނަމަވެސް ކޮރަޕްޝަންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި 97 އިންސައްތަ މީހުން ދެކޭ ކަމަށް ވެސް ދިރާސާއިން ދައްކައެވެ.

މި ދިރާސާގައި ބައިވެރިވި ފަރާތްތައް ގަބޫލުކުރާ ގޮތުގައި ކޮރަޕްޝަންގެ މައްސަލަތަކުގެ އިތުރުން ބޯހިޔާވަހިކަމާއި ވަޒީފާއާ މަސްތުވާތަކެތީގެ މައްސަލައަކީ މިހާރުން މިހާރަށް ހައްލު ގެންނަންޖެހޭ މައްސަލަތަކެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!