ކުޑަކުއްޖަކު މާމައާ ހަވާލުކުރަން އުޅުމުން ހުރަސްއަޅައިފި
ކޯޓު އަމުރެއްގެ ދަށުން ތ. ތިމަރަފުށީގައި ކުޑަކުއްޖަކު މާމައާ ހަވާލުކުރަން އުޅުމުން ބަޔަކު ފުލުހުންނަށް ހުރަސްއަޅައިފި އެވެ.
ފުލުހުން ބުނީ މިމަހުގެ ދެވަނަ ދުވަހު ތިމަރަފުށީ ކޯޓުން ފުލުހުންނަށް ނެރެފައިވާ ކޯޓު އަމުރެއްގައި ކުޑަ ކުއްޖެއްގެ މާމަ އާއި އެ ކުއްޖާ ހަވާލުކުރުމަށާއި އަދި އެކުއްޖާ ގެންދިއުމުގައި އެކަމަށް އެއްވެސް ބަޔަކު ހުރަސް އަޅާނަމަ ހުއްޓުވުމަށް އަދި އެކޯޓު އަމުރު އިއްޔެ މެންދުރުފަހު 2:00ގެ ކުރިން ތަންފީޒު ކުރުމަށް އަންގާފައިވާ ކަމަށެވެ.
މި އަމުރާއި ގުޅިގެން ކުއްޖާގެ މާމަ ހެނދުނު އެ ކުއްޖާއާ ހަވާލުވުމަށް އައިރު ކުއްޖާ ސުކޫލުގައި ހުރުމުން ސުކޫލު ނިމުމުން 12:30 ހާއިރު ކުއްޖާ ގޮވައިގެން ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އެކުއްޖާގެ ބައްޕައަށް އެންގި ކަމަށެވެ. ނަމަވެސް ކުއްޖާ ހުން އައިސްފައިވާތީ ސުކޫލު ނިމުމުން ކުއްޖާގެ ބައްޕަ އޭނާ ގޮވައިގެން މ. މުލަކު ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
އަދި ކުއްޖާގެ ހާލަތު އެނގޭނީ ލޭގެ ޓެސްޓު ހަދާ، ނަތީޖާ ލިބުމުން ކަމަށް ޑޮކްޓަރާ ހަވާލާދީ ބައްޕަ ބުނެފައިވާ ކަމަށާއި އެހެންކަމުން ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން ކުއްޖާގެ މާމާ ހޮސްޕިޓަލަށް ގެންގޮސް ލިޔުމުން އެކުއްޖާ މާމައާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ ކުއްޖާގެ ހާލަތު ރަނގަޅު ކަމަށް ބުނެ ކުއްޖާ ދޫކޮށްލިއިރު ހޮސްޕިޓަލް ކައިރިއަށް ގިނަ އަންހެނުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ ކޯޓު އަމުރު ތަންފީޒުކުރުމަށް ހުރަސްއަޅާފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ކުއްޖާ އާއި ކުއްޖާގެ މާމަގެ ސަލާމަތައްޓަކައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން އެތަނަށް އެއްވެ ތިބި މީހުންނަށާއި އަދި ކުއްޖާގެ ބައްޕައަށް ނަސޭހަތްތެރިވެފައިވާނެ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ. ނަމަވެސް އެމީހުން އެކަމަށް ހުރަސް އަޅާފައިވާ ކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.
އެހެންކަމުން ހޮސްޕިޓަލުގެ އެމްބިއުލާންސްގައި ކުއްޖާ ގޮވައިގެން ބަނދަރަށް ދިއުމަށް މަސައްކަތް ކުރުމުންވެސް ރައްޔިތުންގެ ބަޔަކު އެމްބިއުލާންސާށް ނުދެވޭގޮތަށް ބިންމަތީގައި އޮށޯވެ ހުރަސް އަޅާފައިވާ ކަމަށެވެ.
"އެހެންކަމުން ރައްޔިތުންނާއި ކުއްޖާގެ ސަލާމަތައް ބަލާފައި ފުލުހުން ވަނީ ކުއްޖާ އާއި ކުއްޖާގެ މާމަ ގޮވައިގެން ހޮސްޕިޓަލުން ފައިމަގުގައި ޕޮލިސް ލޯންޗާ ހަމައަށް ގެންގޮސްފައި" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކުއްޖާ ގޮވައިގެން މަގުމަތީގައި ގެންދިޔައިރު ބާރުގެ ބޭނުން ކޮށްފައި ނުވިނަމަވެސް އަންހެނަކު ކުއްޖާގެ މާމަގެ ބުރުގާގައި ހިފައިގެން އުޅެނިކޮށް މަގުމައްޗަށް ވެއްޓުނު ކަމަށެވެ.
އަދި ތިމަރަފުށި ކޯޓުން ނެރެފައިވާ ކޯޓު އަމުރު އިއްޔެ ތަންފީޒު ކުރުމުގައި ގިނަ ގޮންޖެހުންތަކަކާއި އެކުގައިވެސް ގަޑިއަށް އެކޯޓު އަމުރު ތަންފީޒުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.