އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންށާއި މީހުންނަށް ހިދުމަތް ކުރުމާއި ފުދުންތެރިބަޔަކަށް ހެދުމުގެ މަސައްކަތް ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ހިޝާނަށް ދީފައި ވަނީ 2014 ވަނަ އަހަރު އެވެ.
ހިޝާނަށް ގައުމީ އިނާމު ދިނީ ކުށުގެ ރެކޯޑެއް ނެތުމުން: ކޮމިޓީ
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު ކުރެވިފައިވާ އަހުމަދު ހިޝާނަށް ގައުމީ އިނާމު ދިނީ ކުށުގެ ރެކޯޑެއް ނެތުމުން ކަމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީން ބުނެފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގައުމީ އިނާމާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އަނީސާ އަހުމަދު ވިދާޅުވީ ހިޝާނަށް ގައުމީ އިނާމު ދިނުމަށް ނިންމީ އޭނާގެ ކުށުގެ އެއްވެސް ރެކޯޑެއް ނެތް ކަމަށް ފުލުހުންގެ ފަރާތުންނާއި އަދި ކޯޓުތަކުން އެންގުމުން ކަމަށެވެ.
އެގޮތުން ގައުމީ އިނާމު އެރުވުމުގެ ކުރިން އެމީހެއްގެ ކުށުގެ ރެކޯޑު އޮތްތޯ ނުވަތަ ނޫންތޯ ބަލާ ކަމަށާއި އެގޮތުން ރެކޯޑު ހުރުމުގެ ސަބަބުން އިނާމު ބައެއް ފަރާތްތަކަށް ނުދިނުމަށް ވެސް ކޮމިޓީން ނިންމާފައި ހުންނާނެ ކަމަށް އަނީސާ ވިދާޅުވިއެވެ.
"ކޮމިޓީން ބަލާ ކަންތައްތަކުގެ ތެރޭގައި، ކޮމިޓީ އަށް ހުށަހެޅޭ ހުރިހާ ލިޔުންތަކާއި، ވީޑިޔޯތަކާއި، ފޮޓޯތައް ވެސް ބަލާ، އަދި އެ ބޭފުޅަކާ ބެހޭ ގޮތުން އެ ބޭފުޅެއްގެ އެ ދާއިރާގައި ތިއްބަވާ އެކަމުގެ މާހިރުން ވެސް ކޮމިޓީއަށް ގެންނަވާ، ކޮމިޓީން އިންޓަވިއު ކުރައްވާ އެ ބޭފުޅުންގެ މައުލޫމާތު ވެސް ހޯދައިގެން އިނާމު ދިނުމަށް ކޮމިޓީން ބޭފުޅުން ޝޯޓް ލިސްޓު ކުރަނީ" އަނީސާ ވިދާޅުވިއެވެ.
ގައުމީ އިނާމު ދިނުމަށް ނިންމަނީ މި ހުރިހާ ކަމަކަށް ވެސް ވަރަށް ބޮޑަށް ބެލުމަށްފަހު ކަމަށާއި ހިޝާނަށް އިނާމު ލިބިފައިވަނީ ކޮމިޓީން އިނާމު ދިނުމަށް ގެންގުޅޭ މިންގަނޑު ގޯސްވެގެން ނޫން ކަމަށްވެސް އަނީސާ ވިދާޅުވިއެވެ.
"އޭރު ހިޝާންއާ ގުޅޭގޮތުން އެއްވެސް ކަހަލަ ރެކޯޑެއް ނެތް ކަމަށް ކޮމިޓީން ބަލާ އެކަން ކަށަވަރުކޮށްފައި ހިޝާނަށް އިނާމު ދިނުމަށް ކޮމިޓީން ނިންމާ އެކަން ރައީސް އަށް ދެންނެވީ" އަނީސާ ވިދާޅުވިއެވެ.
ގައުމީ އިނާމު ދިނުމާބެހޭ އުސޫލުގައި ބުނެފައިވާ ގޮތުން ޤައުމީ އިނާމެއް ލިބިފައިވާ ފަރާތަކުން ޤައުމީ އިނާމެއް ނިގުޅައިގަތުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފެނިއްޖެނަމަ، ތަފްޞީލު ސަބަބާއެކު، އެކަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ ބާރު، ކޮމިޓީއަށް ލިބިގެންވާ ކަމަށެވެ.
ހިޝާނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާއިރު އެ އިނާމު އޭނާގެ އަތުން އަތުލުމަށް ވިސްނަވަންތޯ ސުވާލު ކުރުމުން އަނީސާ ވިދާޅުވީ ޝަރީއަތުގެ މަރުހަލާއި ހިޝާނަށް ކުރެވިފައިވާ ތުހުމަތުތަށް ސާބިތުވެއްޖެނަމަ އެކަމާ ގުޅޭގޮތުން ރައީސަށް ލަފާ އަރުއްވާނެ ކަމަށެވެ.