ރިޕޯޓް

ބޮޑު ހުޅެއް ރޯ ނުވެ ސަލާމަތްވީ، ފުލުހުންނާއި އާއްމުންގެ ހުޝިޔާރުކަމުން!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
މިއަދު ލޮނުޒިޔާރަތް މަގުގައި ހުރި ގަރާޖެއްގައި ރޯވި އަލިފާންގަނޑު

ރައްޓެއްސެއްގެ ގޭގައި ކުއްލިއަކަށް ދުން ބޯވާން ފެށުމުން އަޅުގަނޑުވެސް ބެލްކަނިން ބޭރު ބަލައިލީމެވެ. އެވަގުތު ގޭ ދޮރުމަތީގައި ކަހަލަ ގޮތަކަށް ހުރި ގަރާޖެއްގެ ޓިނު ދޮރު ތިރިން ކަޅު ދުންތަކެއް އަރައަރާ ހުރިއެވެ. ވަގުތުން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުއަށް ގުޅުމަށް ފަހު ގެއިން ނިކުތީމެވެ.

Ads by MWSC

ގެއިން ނިކުމެ ބަލައިލިއިރު އަހަރެން އައި ސައިކަލު ހުރީ ގަރާޖްގެ ދޮރުމަތީ ކަހަލަ ގޮތަކަށެވެ. އަލިފާންގަނޑު ބޮޑުވެއްޖެ ނަމަ ސައިކަލުތަކަށް ގެއްލުންވާނެތީ، ސައިކަލުތައް ދުރަށް ލުމަށް ކައިރީގައި ތިބި މީހުން ކައިރީ ބުނަމުން އަހަރެން ވެސް ސައިކަލަށް އަރައި، ސްޓާޓްކޮށްލުމަށް ފަހު ސައިކަލު މަގުގެ އަނެއް ފަރާތަށް ގެނައީމެވެ. އެވަގުތު އެ ސަރަހައްދަށް ފުލުހުންގެ ބޭފުޅަކާއި ކަނބަލަކު ސައިކަލުގައި އައެވެ. އަދި އެސަރަހައްދުގެ ދުން އަރަމުން ދިޔަގެ ގަރާޖް ކައިރިއަށް ގޮސް އެތަނުގެ ދޮރު ހުޅުވޭތޯ މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެ ދޮރަކީ ޓިނުން ހަދައިފައިވާ ދޮރަކަށް ވެފައި، ދޮރު ތަޅުލައިފައި ހުރުމުން ދޮރު ހުޅުވޭ ގޮތެއް ނުވިއެވެ.

"މިއީ އަހަރެންގެ ގެ. ރަނގަޅުވާނެ، ދޮރު ހަލާކުކޮށްލައިފައި ވަދޭ. އަލިފާންގަނޑު ބޮޑުވުމުގެ ކުރިން ނިއްވާލެވޭތޯ ބަލަންވާނެ، ކުދިންނޭ!" އެތަނުގައި ހުރި ބޭބެއެއް އެ ވަގުތު ބުންޏެވެ،

އެހެންވެ، ދެން އެ ފުލުސް މީހާ ބެލީ ދޮރު ހަލާކުކޮށްލުމަށް ފަހު އަލިފާންގަނޑު ހިފައިފައިވާ ވަރު ބެލުމަށެވެ. ކައިރީގައި ތިބި މީހުން ކައިރީ އެހީތެރިވުމަށް އަންގައި ދޮރުގައި ހިފައި މައްޗަށް ހިފިއެވެ. ދޮރަކީ މައްޗަށް ކަހާލާ ދޮރެކެވެ. އެހެން ނަމަވެސް ދޮރު ލޮކްކޮށްފައި ހުރުމުން، ދޮރު ހަލާކުކޮށްލުމަށް ފަހު އެތެރެއަށް ވަންނަން އެހާ ފަސޭހައެއް ނުވިއެވެ. މަކުޑިން ދޮރު ނުނެއްޓި، ދެކައިރީގައި ސަޕޯޓަށް ޖަހައިފައި ހުރި ދަގަނޑު ބެންޑް ކުރުމަށްފަހު ދޮރު ހުޅުވައިލިއެވެ.

ދޮރު ހުޅުވުމަށް މަސައްކަތް ކުރަނީ.. ދެން އިމޭޖްސް

ދޮރު ހުޅުވައިލިއިރަށް އަލިފާންގަނޑު ކުއްލިއަކަށް ބޮޑުވިއެވެ. ފަހަރުގައި އެތެރޭގައި އޮކްސިޖަން މަދުވެފައި ހުރުމުން އަލިފާންގަނޑު ފެތުރެން އުދަނގޫވީ ކަމަށް ވެދާނެއެވެ.

ކައިރީގައި ހުރި ގޭގެއިންނާއި ފިހާރަތަކުގައި ހުރި އަލިފާން ނިއްވާ ފުޅިތައް ހިފައިގެން އޭރު އެތަނުގައި ތިބި އާއްމުން އޭރު ތިބީ އެތާ ކައިރީގައެވެ. ކޮންމެ މީހަކު ވެސް އެމީހަކަށް ކުރެވޭނެ މަަސައްްކަތެއް އަލިފާންގަނޑު ނިއްވާލުމަށް ޓަކައި ކުރަމުން ދިޔައެވެ. ގައިމު ވެސް އެއީ ފަރުދީ ޒިންމާގެ ލާމަސީލު މިސާލެކެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދެ ފުލުސް އޮފިސަރުންނާއި އާންމުންވެގެން އަލިފާންގަނޑު ނިއްވައިލިއެވެ. ހިތަށް އެރިއެވެ. މިކަހަލަ ހާދިސާތަކުގައި ދިވެހީންނަކީ ހާދަ އެއްބައިވަންތަ ބައެކެވެ. އަދި އެ ވަގުތު އާންމުންގެ ސަލާމަތަށްޓަކައި ދިވެހި ފުލުހުން ވާ ގުރުބާނީ ވެސް ހިތަށް އެރިއެވެ.

އެ ވަގުތު އެތަނަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމު ވެސް އައިސްފިއެވެ. ނަމަވެސް އޭރު އޮތީ އަލިފާންގަނޑު ނިއްވައިލެވިފައެވެ. އަލިފާން ނިއްވައިލެވިފައި ވިޔަސް އެތަނުން އޮލަ ދުން ނުކުންނަމުން ދިޔައެވެ. ފަޔަރ އެންޑް ރެސްކިއު ޓީމުން މަސައްކަތް ކުރީ ގަރާޖު ތެރޭގައި އޮތް ދުންތައް ނެރެވޭތޯއެވެ. އެގޮތުން “ބްލޯވަރެއް” ބޭނުންކޮށްގެން އެކަން ކުރެވޭތޯ އެ މީހުން މަސައްކަތް ކުރިއެވެ.

ބްލޯވަރު ބޭނުންކޮށް ދުންތައް ނެރުމަށް ކުރި މަސައްކަތްވީ ބޭކާރު.. ދެން އިމޭޖްސް

ބްލޯވަރުން ދުންތައް ނެރެން ކުރި މަސައްކަތް ދިޔައީ ފެނަށެވެ. ފުރަތަމަ ، ބްލޯވަރު ޖަހަން މަސައްކަތް ކުރީ އެތަނުގައި ހުރި ގެއެއްގެ ސޮކެޓަކަށެވެ. އެހެން ނަމަވެސް އެތަނުން ކަރަންޓު ނެގޭ ގޮތެއް ނުވިއެވެ. އެހެންކަމުން ފަޔަރ ލޮރީގައި ހުރި ޖަނަރޭޓަރަކުން ކަރަންޓު ނަގަން މަަސައްކަތް ކުރިއެވެ. ޖަަނަރޭޓަރު މަސައްކަތް ނުކުރުމުން އެކަން ވެސް ވާ ގޮތެއް ނުވިއެވެ.

އަލިފާނުގެ ހާދިސާތަކުގައި ގިނަ ފަހަރަށް “ހީރޯއިންނަކީ” ފަޔަރ އެންޑް ރެސްކިއު ޓީމެވެ. އެ ޓީމުން އެފަދަ ހާދިސާތަކުގައި ކުރާ މަސައްކަތަކީ “ކުރުނީސް” ހައްގު މަސައްކަތްތަކެކެވެ. ނަމަވެސް ލޮނުޒިޔާރަތް މަގުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ބަތަލުންނަކީ އެތަނަށް ހާޒިރުވި ދެ ފުލުހުންނާއި އާއްމު ރައްޔިތުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!