ޚަބަރު

ހުޅުމާލޭގައި ރޭ ވަޅި ހެރި މައްސަލައިގެ ޒިންމާ ހަރުކަށި ގުރޫޕަކުން ނަގައިފި

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލޭގައި ރޭ ތިން ފަތުރުވެރިއަކަށް ވަޅިން ހަމަލަދިން މައްސަލައިގެ ޒިންމާ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ނަގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިރޭ އާންމުކޮށްފި އެވެ.

Ads by Sosun Fihaara

ރޭގެ ހަމަލާގައި އަނިޔާވެފައިވަނީ ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށެވެ. މީގެތެރެއިން ޗައިނާގެ އެކަކަކީ ފަތުރުވެރިއެކެވެ. އަދި އަނެއް ދެ މީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރާ ދެ މީހުންނެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާއިރު، މި ހަމަލާގެ ޒިންމާ ނެގިކަން އިއުލާންކޮށް ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިއެސްގެ ރާއްޖޭގެ ގޮފިން ވަނީ މިރޭ ވީޑިއޯއެއް އާންމުކޮށްފައެވެ.

މޫނު ފޮރުވައިގެން ތިބި ތިން މީހަކު މި ވީޑިއޯ އިން ފެންނައިރު، އެ ފަރާތްތަކުން ވަނީ އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

ނަމަވެސް "ދެންހުރި ހަމަލާތައް ދޭނެ ތަނެއްވެސް ވަގުތެއް ވެސް ނޭނގޭނެ." ކަމަށް ވީޑިއޯގައި ބުނެފައި ވެއެވެ.

އެވީޑިއޯގައި ބުނަނީ ފަތުރުވެރިންނަށް މި ދިން ހަމަލާ އާއި އެކު ބޭރު މީނުންނަށް މިއި ސުވަރުގެ ކަމަށް ދައްކަމުން ގެންދާ ދެއްކުން އަވާމެންދުރަކަށް ބަދަލުވެގެން ހިނގައްޖެ ކަމަށެވެ. އަދި މީހުންގެ އަނބިންނާއި ދަރިން ހައްޔަރުކޮށްފައި ނުތިބެވޭނެ ކަމަށާއި މިހާރު މި ދިން ޒަހަމްތަކުގެ މައްޗަށް އޮތީ އިތުރު ޒަހަމްތަކެއް ކަމަށް ވެސް ވީޑިއޯގައި ބުނެއެވެ.

މުސްލިމުންނަށް މިދޭ އަނިޔާތަކާއި ދެކޮޅަށް ތެދުވުމަށާއި އެމެރިކާ އާއި އިންޑިއާގައި އަދި އެހެން ގައުމުތަކުގައި ވެސް ތިބި ޠާގޫތުންނާއި ދެކޮޅަށް ހަމަލާ ދިނުމަށް ވެސް ވީޑިއޯގައި ގޮވާލާފައި ވެއެވެ.

ފުލުހުން ދެންމެ ބުނީ ހުޅުމާލޭގައި ވަޅި ޖެހި މައްސަލަ ތަހްޤީޤު ކުރަމުން ގެންދާ ކަމަށާއި ހަމަލާގެ ޒިންމާ އުފުލައި އާއްމުކޮށްފައިވާ ވީޑިއޯގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!