ރިޕޯޓް ވިޔަފާރި

ރާއްޖޭގެ ޤައުމީ ވައިގެ ބަނދަރު އިންޑިއާގެ ރެއިލްވޭ ސްޓޭޝަނަކަށް؟

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
އެއަރޕޯޓްވަނީ ވަރަށް ބޮޑަށް ތޮއް ޖެހިފައި.. ފޮޓޯ: މީސްމީޑިއާ

މީގެ ދެތިން ދުވަސް ކުރިން މާލެ އައިސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑޮމެސްޓިކް ޓާމިނަލުން ނިކުމެގެން އިންޓަރނޭޝަނަލް ޓާމިނަލްގެ ތެރެއިން ލައިފައި މާލެއަށް ދާ ފެރީއަށް އެރުމަށް ހިނގައިގަތީމެވެ. އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތެރެއަށް ވަދެގެން ދިޔައިރު، ފެނުނީ މީގެ ކުރިން ދުވަހަކު ވެސް ރާއްޖޭގެ ޓާމިނަލަކުން ފެނިފައި ނުވާ ފަދަ މަންޒަރެކެވެ. ހީވީ އިންޑިއާގެ ރެއިލްވޭ ސްޓޭޝަނަކަށް ވަދެވުނު ހެންނެވެ.

Ads by Sosun Fihaara

ކަންވާގޮތް ބަލައިލަން އިންތިހާއަށް ބޭނުންވިއެވެ. މީގެ ކުރިން ކޮންމެ މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް ދިރިއުޅޭ ރަށުން މާލެ އަންނަ މީހެއްކަމުން، އެ ދުވަހު ފެނިގެން ދިޔަ މަންޒަރަކީ ވަރަށް ތަފާތު މަންޒަރަކަށްވިއެވެ. މިހެންވެ އެތަނުގައި ތިބި ބައެއް މީހުންނާ ސުވާލުކޮށްލާ ހެދީމެވެ.

އެޖެންޓުން ބަލައި ނައިސް އެއަރޕޯޓްގައި އެތައް ގަޑިއިރެއް!

"ރިސީވް ކުރަން އަންނަ އެޖެންޓް ނައިސްގެން މިތިބީ" ފޮށިމަތީގައި އިށީނދެގެން ތިބި ބައެއް ގާތުގައި، އެއަރޕޯޓް ޓާމިނަލްގައި ތެރޭގައި މަޑުކޮށްގެން ހުރީ ކީއްވެގެންތޯ ސުވާލުކޮށްލުމުން ބުންޏެވެ. އޭނާއަކީ އިންޑިއާއިން ރާއްޖެއަށް ކަރަންޓީންވުމަށް އައިސް ހުރި މީހެކެވެ. އެއަރޕޯޓްގައި ތިބި ގިނަ މީހުންނަކީ މިގޮތަށް ކަރަންޓީން ފުރިހަމަ ކުރަން އައިސް ތިބި މީހުންނެވެ.

ސަތޭކައެއްހާ މީހުން އެއަރޕޯޓްގެ ތެރޭގައި ފުނިޖެހިފައި ތިބުމުން ކަންވާ ގޮތް އޮޅުން ފިލުވަން "ދެން"އިން މަސައްކަތް ކުރީމެވެ. މިގޮތުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގަމުން އަންނަ މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރ ހަސަން އަރީފްއާ ގުޅައި ކަން ހިނގާ ގޮތް ބެލީމެވެ. އޭނާ ވިދާޅުވީ ވެސް، ހަމަ އެތަނުގައި އިން ފަތުރުވެރިޔާ ބުނި ވާހަކައެވެ. އެއަރޕޯޓް ތޮއްޖެހުމަށް ދިމާވާ އެންމެ ބޮޑު އެއްސަބަބަކީ ފަތުރުވެރިން ރިސީވް ކުރަން އަންނަ އެޖެންޓުން ލަސްވުން ކަމަށެވެ.

"ހަތަރު ފަސް، އެއަރލައިނުން އެބަ އާދޭ މިޑިލް-އީސްޓަށް ދާން އަންނަ މީހުން. އެމީހުންނާ ހަވާލުވާން އަންނަ މީހުން ވަގުތަކުން ނުއެއް އާދޭ. އަނެއްކާ އެމީހުން އިންތިޒާމްކޮށްފައެއް ވެސް ނެތް އެއްފަހަރާ މި މީހުން ގެންނަން. ދެން އެމީހުން މި ތިބެނީ އެއަރޕޯޓްގައި. ބައެއް ފަރާތްތަކުން ތިން ވަރަކަށް އެއަރލައިންގެ މީހުން އެއްކޮށްލައިފައި ގެންދަން ވެސް މަސައްކަތް އެބަ ކުރޭ. އެހެންވީމަ އެއަރޕޯޓަށް އެބަ ޖަމާވޭ." އަރީފް ވިދާޅުވީ، މިއީ ކުއްލިއަކަށް އައި ފްލަޑެއް ކަމަށާއި ކުރިއާލައި ތައްޔާރުވުމުގެ ފުރުސަތެއް ނުލިބުނު ކަމަށެވެ.

އިންޑިއާއިން މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ދާން ބޭނުންވާ މީހުން ދަނީ ރާއްޖޭގައި ކަރަންޓީންވަމުންނެވެ. އެއީ އިންޑިއާ އަދިވެސް ބައެއް ޤައުމުތަކުގެ ރަތް ލިސްޓްގައި އޮތުމުން، އެ ޤައުމުތަކުން އިންޑިއާއަށް އެތެރެ ނުވެވޭތީއެވެ. މިހެންވެ، ރާއްޖޭގައި ކަރަންޓީންވުމަށް ފަހު އިންޑިއާގެ މަސައްކަތު މީހުން މެދު އިރުމައްޗަށް ދެއެވެ. މިގޮތަށް ގިނަ ފަހަރަށް ދަނީ މެދުއިރުމަތީގައި މަސައްކަތް ކުރާ އިންޑިއާގެ މީހުންނެވެ.

ސާފުތާހިރު އެއަރޕޯޓް މުޅިން ތަޣައްޔަރު ކޮށްލައިފި!

އާއްމުކޮށް ވަރަށް ސާފުތާހިރުކޮށް އޮންނަ އަދި އެހާމެ ފަސޭހަ ކަމާއެކު ފަތުރުވެރިންނަށް ޚިދުމަތްދޭ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މިއަދު ތޮއްޖެހިފައި ވަނީ އިންޑިއާއިން އަންނަ ކަރަންޓީން ފަތުރުވެރިންގެ ސަބަބުންނެވެ. މިގޮތަށް އަންނަ މީހުން ފްލައިޓްތައް ލަސްވުމުން އެއަރޕޯޓްގައި ނިދާ ހަދައެވެ. އަދި ބައެއް ފަހަރު ފާޚާނަތަކުން ފެންވަރާ ހަދާ ކަމަށް ވެސް ވެއެވެ.

"މިމީހުން އެބަ ފެންވަރާ ހަދާ ފާޚާނާތަކުން. އަހަރެމެންނަށް ވެސް ވަރަށް އުދަގޫވޭ ސާފު ކުރަން ވެސް. ކައި ހަދަނީ ޓާމިނަލްގެ ތެރޭގައި. ބިސްކޯދު ފަދަ ތަކެތި ކައިފައި އެއްލައިލަނީ ޓާމިނަލް ތެރެއަށް. ވަރަށް ބޮޑަށް ތަން އެބަ ތަޣައްޔަރުވޭ" އެއަރޕޯޓް ސާފު ކުރާ ދައްތައެއް ކައިރީ، އެއަރޕޯޓަށް އައި ބަދަލާ ބެހޭ ގޮތުން ސުވާލުކޮށްލުމުން ބުންޏެވެ.

ކޮވިޑް-19 ފިޔަވަޅުތަކާއެކު ތޮއްޖެހުންވީ އިތުރު!

އެމްއޭސީލްއިން އަރީފް "ދެން"އަށް ވިދާޅުވީ، މި ފަހަކަށް އައިސް އެއަރޕޯޓްގެ ތެރޭގައި ތޮއްޖެހުން ބޮޑުވުމަށް މެދުވެރިވާ އަނެއް ސަބަބަކީ ކޮވިޑް-19އާ ގުޅިގެން ހެދިފައިވާ ގައިޑްލައިންތައް ކަމަށެެވެ. މިގޮތުން ޕީސީއާރ ޓެސްޓްތައް ވެރިފައި ކުރުމާއި ހޮޓެލް ބުކިން ވެރިފައި ކުރުމަށް ވަގުތު ނަގާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮވިޑް-19 ހާލަތުގައި ރާއްޖެއިން ވެސް ކަނޑައަޅައިފައި އެބަހުރި ބައެއް ކަންތައްތައް، މިސާލަކަށް އެމީހަކު ހޮޓެލް ބުކިންގް ހުންނަން ޖެހޭ. މިހާރު އެނގޭނެ ބައިވަރު މީހުން ވަގު ބުކިންގ ހަދައިގެން މީސްމީހުން އިމިގްރޭޝަނުންވެސް ފޮނުވާލައިފައި އެބަހުރި. އެކަހަލަ ފުނި ވެސް ޖެހެނީ ޓާމިނަލް ތެރެއިން. އަނެއްކަމަކީ ޕީސީއާރ ޓެސްޓާއި މިކަހަލަ ބައިވަރު ކަންތައް، އެއަރލައިން ރިއުއަމެންޓާއި ދިވެހި ރާއްޖޭގައި މި ހުރި ރިކުއަރމެންޓްތަކަށް އަޅާބަލާއިރު، ކުރިންހާ ފާސްޓްކޮށް ކައުންޓަރުތަކުން ޚިދުމަތް ނުލިބޭ. އެރައިވަލްގައި ވެސް އަދި ޑިޕާޗަރގައިވެސް އެބައެއް ނުދާނެ." އަރީފް ވިިދާޅުވީ، އެންމެ ފަސެންޖަރެއް ވެސް ބޭނުންވާ ހުރިހާ ޑޮކިމެންޓެއް ހަމަނޫން ނަމަ ބޮޑު މަޑުޖެހުމެއް އަންނަ ކަމަށެވެ.

މެދުއިރުމަތި ހުޅުވާލުމާ އެކު ރާއްޖެއަށް ލުއެއް ލިބިގެންދާނެ!

ކޮވިޑް-19 ބަލިމަޑު ކަމުގައި އުޅޭތާ ދޮޅު އަހަރުވާން ގާތްވިއިރު، އަދިވެސް ގިނަ ގައުމުތަކުން ބަލިމަޑުކަން ތަހައްމަލު ކުރަމުންދެއެވެ. އެ ޤައުމުތަކުގެ އިޤްތިޞާދު ގެނބެމުން މައްޗަށް އަރަމުން، ނޭވާ ލަމުން ނުލަމުން ކަހަލަ ގޮތަކަށް ކުރިޔަށް ދެއެވެ. އިންޑިއާގައި ކޮވިޑް-19 ހާލަތު ވަރަށް ބޮޑަށް ގޯސްވުމަށް ފަހު މިހާރު ވަނީ ރަނގަޅުވާން ފަށައިފައެވެ. މިއާ އެކު މެދުއިރުމަތީގެ ބައެއް ޤައުމުތަކުން އިންޑިއާއިން ސީދާ އެޤައުމަށް ދެވޭ ގޮތަށް ހުއްދަވަނީ ދޭން ފަށައިފައެވެ. މިގޮތުން އިއްޔެ ވަނީ ސައުދީ ވަނީ އިންޑިއާއަށް އިއްޔެ ހުޅުވައިލައިފައެވެ. މިއާއެކު ކަރަންޓީން މަންޒިލަކަށް ރާއްޖެވެފައި އޮތް އޮތުން ނިމުމަކަށް އައިސްދާނެ ކަމަށް ބެލެވެއެވެ.

އަރީފް ވެސް ދެކިލައްވަނީ މިހެންނެވެ. އޭނާ ވިދާޅުވީ، ސައުދީ ފަދަ ޤައުމުތައް ހުޅުވައިލުމުން އަލުން އާންމު ހާލަތަށް ދެވޭނެ ކަމަށް ޤަބޫލު ކުރާ ކަމަށެވެ. އަދި މިހާރު އެއަރޕޯޓުން ތައްޔާރުވަމުން އަންނަނީ ސީޒަނަށް ކަމަށާއި ސެޕްޓެންބަރު ކުރީ ކޮޅުގައި ކަރަންޓީން ފަތުރުވެރިކަން ނިމޭނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މުޅި އެއަރޕޯޓް ފުރި ބާރުވެފައި އޮތް ނަމަވެސް އެތަނުގައި ހަރަކާތްތެރިވާ މުވައްޒިފުން އަވަދިނެތި މަސައްކަތް ކުރަމުން ދާތަން އެ ދުވަހު އެއަރޕޯޓްގެ ތެރެއިން ފެނުނެވެ. ގޮޑިތަކުގައްޔާއި ބިންމަތީގައި އިށީނދެގެން ތިބި ފަރާތްތަކާ ވާހަކަ ދައްކާ، ލަސްވަނީ ކީއްވެތޯ ސުވާލުކޮށް، ހައްލު ހޯދައިދެން މަސައްކަތް ކުރިތަން ވެސް ފެނުނެވެ. ތޮއްޖެހުމެއް އައިކަމުގައި ވިޔަސް ވަރުބަލި ކަމެއް ނެތި އެމްއޭސީއެލްގެ މުވައްޒިފުން މަސައްކަތް ކުރަމުން ދިޔަކަން ފާހަގަކޮށްލެވެއެވެ. ޓްރޯލީތައް ގެންދިއުމުގައި އެއްބަޔަކު ބުރަކޮށް އުޅޭއިރު، އިރުއިރުކޮޅާ ފާޚާނާ ސާފުކޮށް، މުޅިތަން ފޮޅާ އުޅޭ މަންޒަރު ވެސް ފެނުނެވެ. އެއަރޕޯޓް އޮތީ ވަރަށް ބޮޑަށް ފުނިޖެހިފައެވެ. އެހެން ނަމަވެސް އިންޑިއާގެ ރެއިލްވޭއަކާ އޮތް ހަމައެނަކި ތަފާތަކީ ތަން މުޑުދާރު ނުވުމެވެ. އެއީ ދިވެހިން ދެއްކި ހިތްވަރުންނެވެ. އެމްއޭސީއެލްގެ މުވައްޒިފުން ދެއްކި ހިތްވަރުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!