ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރެއް ނެތް!
މަޖިލީހުގެ ގަވާއިދު ބުނާގޮތުން ރިޔާސީ ބަޔާން އިއްވުމުން އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން (މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީ ލީޑަރު) އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް، އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި އިއްވަން ޖެހޭނެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިދިޔަ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ބަޔާން އިއްވަވައިފައެވެ. އެ ބަޔާން އިއްވެވިތާ 14 ދުވަހުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސީ ބަޔާނަށްދޭ ޖަވާބުގެ ގޮތުގައި މައިނޯރިޓީ ލީޑަރު ޖަވާބު އިއްވަން ޖެހޭނެއެވެ.
ރައީސް ސޯލިހު ބަޔާން އިއްވެވުމުން ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި މިހާރު އިދިކޮޅު ލީޑަރަކީ ކޮބައިކަން ސާފެއް ނުވެއެވެ. އިދިކޮޅު ލީޑަރަކީ ކޮބައިކަން ޖެހޭނީ ސާފުކުރަން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނަށް ޖަވާބުދިނުން މި އޮންނަނީ އޮޕޮޒިޝަން ލީޑަރަށް. އެހެންވީމާ، އެއެއް އަޅުގަނޑުމެން އެބަ އޮޅުންފިލުވަން ޖެހޭ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން ރިޔާސީ ބަޔާނަށް އަރުވާ ޖަވާބު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަމެއް އޮޅުންފިލީމަ އަޅުގަނޑުމެން ފޮނުވާނަން،" މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގައި އިދިކޮޅަކީ ކޮބައިކަން ވަރަށް ސާފެވެ. އިދިކޮޅު ޕާޓީތަކަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އެވެ. މަޖިލީހުގައި ދެ މެންބަރުން ތިއްބަވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވަކި ސްޓޭންޑެއް ނަގައިފައެއް ނުވެއެވެ.
މަޖިލީހުގެ އެންމެ މެންބަރުން ގިނަ ޕާޓީ އެމްޑީޕީގެ 66 މެންބަރުން ތިއްބަވައެވެ. ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީ، އެއިން ކޮންމެ ޕާޓީއެއްގެ ފަސް މެންބަރުން ތިއްބަވައެވެ. އަދި ޕީއެންސީގެ ތިން މެންބަރުން ތިއްބަވައެވެ. ޖުމްހޫރީ ޕާޓީއަކީ މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރެކެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވަރަށް ސާފެވެ. މެޖޯރިޓީ ލީޑަރަކީ އެމްޑީޕީ ޕާލަމަންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމެވެ. މައިނޯރިޓީ ލީޑަރަކީ ކޮބައިކަމެއް ސާފެއް ނުވެއެވެ. އެއީ ޕީޕީއެމްގެ ޕާލަމަންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ސަލީމް ކަމެއް ނުވަތަ ޖުމްހޫރީ ޕާޓީގެ ޕާލަމަންޓަރީ ގްރޫޕުގެ ލީޑަރު ގާސިމް އިބްރާހީމް ކަމެއް ސާފެއް ނޫނެވެ.
މަޖިލީހުގެ ގަވައިދު ބުނާގޮތުން މެޖޯރިޓީ ލީޑަރަކީ މަޖިލީހުގައި ހިމެނޭ ގޮނޑިތަކުގެ ތެރެއިން އެންމެ ގިނަ ގޮނޑި ކޮންޓްރޯލުކުރާ ޕާޓީ ނުވަތަ ޕާޓީތަކުގެ ފަރާތުން ހުންނަ އެންމެ އިސް މެންބަރެވެ. މައިނޯރިޓީ ލީޑަރަކީ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކޮންޓްރޯލުކުރާ ޕާޓީ ނުވަތަ ޕާޓީތައް ފިޔަވައި، ދެން ހުރި އެންމެ ގިނަ ގޮނޑި ކޮންޓްރޯލުކުރާ ޕާޓީ ނުވަތަ ޕާޓީތަކުގެ ފަރާތުން ހުންނަ އެންމެ އިސް މެންބަރެވެ.
މެންބަރުންގެ އަދަދު އެއްވަރުވުމުން މައިނޯރިޓީ ލީޑަރު ނެގުމަށް މަޖިލީހުގެ ގަވައިދަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން ޖެހޭނެއެވެ. ދެން ރިޔާސީ ބަޔާނަށް ޖަވާބު އިއްވާ ލީޑަރަކީ ކޮބައިކަން ބަލައިލަމާ ހިނގާށެވެ.