ޚަބަރު

ޓޫރިސްޓުންނަށް ހަމަލާދިނީ ހަރުކަށި ފިކުރުގެ ބަޔަކު ކަމަށް ބެލެވޭ: ފުލުހުން

މިދިޔަ އަންގާރަ ދުވަހުގެ ރޭ، ހުޅުމާލޭގައި ތިން ޓޫރިސްޓަކަށް ހަމަލާދީ ޒަހަމްކޮށްލީ، ހަރުކަށި ފިކުރަށް ނިސްބަތްވާ ބައެއް ކަމަށް ބެލެވޭ ކަމަށް، ފުލުހުން ބުނެފި އެވެ.

އެ ހަމަލާގައި އަނިޔާވެފައިވަނީ ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށެވެ. މީގެތެރެއިން ޗައިނާގެ އެކަކަކީ ފަތުރުވެރިއެކެވެ. އަދި އަނެއް ދެ މީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރާ ދެ މީހުންނެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ތިން ބިދޭސީންނަށް ދީފައިވާ ހަމަލާ އެ އިދާރާއިން ތަހުގީގު ކުރަމުންދާ ކަމަށެވެ. ހަރުކަށި ފިކުރަށް ނިސްބަތްވާ ކަމަށް ތުހުމަތު ކުރެވޭ ބަޔަކާ ދީފައިވާ މި ހަމަލާގައި އަނިޔާވި މީހުންގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށާއި އަދި އެ ފަރާތްތަކުގެ ހާލަތު ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ހަމަލާއާ ގުޅުންހުރި ކަމަށްބުނެ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

"މިމައްސަލައާއި ގުޅިގެން، ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މި ސާވިސްއިން މި ގެންދަނީ މަސައްކަތް ކުރަމުން. އަދި ދިވެހިންނާއި ދިވެހިރާއްޖޭގައި އުޅެމުންދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން މި ސާވިސްއިން ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން" އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ހަމަލާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާއިރު، އެ ތިން މީހުންނަށް ހަމަލަދިނީ ހެލްމެޓް އަޅައިގެން ސައިކަލްގައި ދިޔަ ދެ މީހަކު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!